އަންހެނުންތަކެއް ދުޢާކުރަނީ / ފައިލް ފޮޓޯ
- އެމައްސަރުގައި މާތް ﷲ ގުރްއާން ބާވާލައްވާފައިވާ ކަން.
شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ
البقرة:185ގައި މާތް ﷲ ވަހީ ކުރައްވައެވެ.
- އެމައްސަރުގައި ސުވަރުގޭގެ ދޮރުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދު ކުރެވި، ޝައިތާނުންތައް ކަސްތޮޅު އެޅުވޭކަން.
(إِذَا دَخَلَ رَمَضَانُ فُتِحَتْ أَبْوَابُ السَّمَاءِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِيْنُ) މާނައަކީ: "ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުތައް ބަންދުވެ، ޝައިޠާނުންތައް ކަސްތޮޅު އެޅުވިގެންދެއެވެ".
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
- އެމައްސަރުގައި ހެޔޮކަންތަކަށް ލިބޭ ޖަޒާ އިތުރު ކުރައްވާކަން.
(مَنْ فَطَّرَ صَائِماً فَلَهُ مِثْلُ أَجْرِهِ مِنْ غَيرِ أَنْ يُنْقَصَ مِنْ أَجْرِ الصَّائِمِ شَيْءٌ) މާނައަކީ: "ރޯދަވެރިޔާގެ ރޯދަވިއްލައިދީފި މީހަކަށް ރޯދަވެރިޔާގެ އަޖްރުން އުނިނުވެ ހަމައެފަދައިން އެމީހަކަށް (ރޯދަވިއްލުން ދިން މީހާ އަށް) ލިބޭނެއެވެ"
ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
- އެމައްސަރުގައި ލައިލަތުލް ގަދްރިވިލޭރޭ ލައްވާފައިވާކަން.
(فِيْهِ لِيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حَرُمَ خَيْرَهَا فَقَدْ حُرِمَ) މާނައަކީ: "އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމް ވެއްޖެ މީހާއަކީ މަޙްރޫމްވެގެންވާ މީހެކެވެ"
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
(مَنْ قَامَ لَيْلَةُ الْقَدْرِ إِيْمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައަކީ: "އީމާންކަމާއި ދަރުމައާއި ޘަވާބަށް އެދި ލައިލަތުލް ގަދްރިވިލޭރޭ އަޅުކަންކޮށްފިމީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފޮހެވިއްޖެއެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
(مَنْ قَامَهَا إِبْتِغَاءَهَا، ثُمَّ وَقَعَتْ لَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ) މާނައަކީ: "އެރޭގެ ހެޔޮކަން އެދި ރޭއަޅުކަންކޮށް، އެރެޔާއި ދިމާވެއްޖެމީހާ ގެ އިސްވެދިޔަފާފަތަކާއި ފަހުން ކުރެވޭނެ ހުރިހާ ފާފައެއް ފުއްސަވައިފިއެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
- މީގެ ކުރީގެ އުއްމަތްތަކުގެ މީހުންގެ ރޯދަ އާއި މި އުއްމަތުގެ މީހުންގެ އުއްމަތުގެ މީހުންގެ ރޯދައަކީ ހާރުކެއުމެވެ. ހާރުކެއުމަކީ ހަމައެކަނި މިއުއްމަތަށް ހާއްސަ ކަމެކެވެ.
(فَصْلُ مَا بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ) މާނައަކީ: "ތިމަންމެންގެ ރޯދަ އާއި އަހްލު ކިތާބީންގެ ރޯދަ އާއި ހުރި ތަފާތަކީ ހާރު ކެއުމެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
(تَسَحَّرُوْا فَإِنَّ فِيْ السَّحُوْرِ بَرَكَةٌ) މާނައަކީ: "ތިޔަބައިމީހުން ހާރުކާހުށިކަމެވެ. ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތެއްވެއެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
- ރަމަޟާން މަހުގައި ބަދުރު ހަނގުރާމަ އާއި މައްކާ ފަތަޙާ ކުރެއްވުމުގެ ހިނގާފައިވާ ކަން.
- ރަމަޟާން މަހުގައިވާ އުމްރާ އަކީ ހައްޖަކާއި އެއްވަރުގެ އެއްޗެކެވެ.
(عُمْرَةٌ فِيْ رَمَضَانَ تَعْدِلُ حَجَّةً) މާނައަކީ: "ރަމަޟާންމަހުގެ ޢުމްރާ އަކީ ޙައްޖަކާއި އެއްވަރުގެ އެއްޗެކެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
- ފާފަ ފުއްސަވެމުގެ ސަބަބެއް ކަމުގައިވުން.
(اَلصَّلَوَاتُ الْخَمْسُ، وَالْجُمُعَةُ إِلَى الْجُمُعَةِ، وَرَمَضَانٌ اِلَى رَمَضَانَ مُكَفِّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتِ الْكَبَائِرَ) މާނައަކީ: "ފަސްނަމާދު އެއް ނަމާދުން އަނެއް ނަމާދާއި ދެމެދު، އެއް ހުކުރާއި އަނެއް ހުކުރާއި ދެމެދު، ރަމަޟާންމަހާއި އަނެއް ރަމަޟާންމަހާއި ދެމެދު، ބޮޑެތިފާފަތަކުން ދުރުހެލިވެއްޖެނަމަ، ހުރިހާ ފާފަތަކެއް ފޮހިދެއެވެ".
- ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ރަމަޟާން މަހުގައި އިތުރަށް ދީލަތި ވެވަޑައިގަންނަވާކަން.
(كَانَ النَّبِيُّ أَجْوَدَ النَّاسِ، وَكَانَ أَجْوَدَ مَا يَكُوْنُ فِيْ رَمَضَانَ) މާނައަކީ: "މީސްތަކުންގެ ތެރޭގައިވާ އެންމެ ދީލަތި ބޭކަލަކީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އެވެ. އެކަލޭގެފާނުގެ ދީލަތިކަން ރަމަޟާންމަހު އިތުރުވެގެންދެއެވެ".
ރަމަޟާން މަހާއި އިސްތިގްބާލު ކުރާއިރުގައި ބައެއް މީހުންނަށް ކުރެވޭ ބައެއް ގޯސް ކަންތައްތައް:
ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. ރޯދަހިފުމާއި، ރޭއަޅުކަންކުރުމާއި، ގުރްއާންކިޔެވުމާއި، ސަދަގާތް ގިނަކުރުމާއި، މީސްތަކުންނަށް އިޙްސާންތެރިވުމާއި، ފާފަފުއްސެވުން އެދި ދުއާ ކުރުމާއި، ސުވަރުގެއަށް އެދުމާއި، ނަރަކައިގެ ބިރުވެރިކަމުން ސަލާމަތްކޮށްދެއްވުން އެދި ދުއާ ކުރުމުގެ މައްސަރެވެ.
އެހެންކަމުން ކާމިޔާބު ލިބިގެންވާ މީހަކީ އެމައްސަރުގެ ވަގުތުތައް އެންމެ ފައިދާ ކުރަނިވި ގޮތުގައި ބޭނުން ކޮށްފި މީހެކެވެ. ﷲ ރުހިވޮޑިގެންވާ ގޮތަށް ޢަމަލުތައް ބަހައްޓައިފި މީހާއެވެ. ﷲ ސުބްހާނަހޫ ވަތައާލާގެ ހަޟްރަތުގައި އަމަލުތައް ގަބޫލުވެގެންވަނީ ދެޝަރްތެއް ހަމަވެގެންނެވެ. އެއީ އިހްލާސްތެރިކަމާއި، ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ އަށް ތަބާވުމެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ލާޒިމްވެގެންވަނީ ރޯދައިގެ ހުކުމްތައް ރަގަޅަށް އުނގެނި ދަސްކުރުމެވެ.
ރޯދަ ވާޖިބުވަނީ ކޮންބައެއްގެ މައްޗަށްތޯ އާއި ރޯދައިގެ ޝަރްއުތަކާއި، ރޯދަ ދޫކޮށްލުން ހުއްދަވާ މީހުންނާއި ހާލަތްތަކާއި، ރޯދަ ފާސިދުވާ ކަންތައްތަކާއި، މިނޫންވެސް ރޯދަ އާއި ގުޅުން ހުރި ހުރިޙާ ކަމެކެވެ. ނަމަވެސް ގިނަ މީހުންނަށް މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވިފާނުވާތީވެ ބައެއް ކަހަލަ ގޯސް ކަންތައްތައް އޭގެ ސަބަބުން ކުރެވެއެވެ.
އޭގެ ތެރޭގައި:
1. ރޯދައިގެ ހުކުމްތައް ރަގަޅަށް ނޭނގިހުރުމުގެ ސަބަބުން ބައެއް ކަހަލަ ނުރަނގަޅު ކަންތައް ކުރެވޭތަން އާދެއެވެ. ނޭގޭ ކަމަށްވަނީ ނަމަ ދަންނަ މީހުންކުރެ އަހާ އޮޅުން ފިލުވުމަށް ކީރިތި ގުރްއާނުގައި ބާރު އަޅުއްވާފައިވެއެވެ.
(فَاسْأَلُوا أَهْلَ الذِّكْرِ إِنْ كُنْتُمْ لا تَعْلَمُونَ) މާނައަކީ: "ތިޔަބައިމީހުންނަށް ނޭގޭކަމަށްވަނީ ނަމަ ދަންނަމީހުންކުރެއަހާ އޮޅުން ފިލުވާށެވެ".
ސޫރަތުއްނަހްލުގެ 43 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވައެވެ.
(مَنْ يُرِدَ اللهُ بِهِ خَيْرًا يُفَقِّهْهُ فِيْ الدِّيْنِ) މާނައަކީ: "މާތް ﷲ މީހަކަށް ހެޔޮގޮތެއް މެދުވެރި ކުރައްވައިފިނަމަ އެމީހަކަށް ދީނުގެ ޙުކުމްތައް ދެނެގަތުމުގެ ނިޢްމަތް ދެއްވައެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
2. މި މާތް މައްސަރާއި ބައްދަލުވުމުގެ ޝަރަފާއި ޢިއްޒަތް ދެއްވި ކަމަށް ޓަކައި ﷲ އަށް ޝުކުރުވެރިވެ، އެކަލާނގެ ސިކްރު ކުރުން ގިނަކޮށް، ތިމާގެ އަމިއްލަ ނަފްސު މުހާސަބާކޮށް، އަސްތަގްފާރުކޮށް ހެދުމުގެ ބަދަލުގައި، ކުޅިވަރާއި މަޖަލުގައި ވަގުތު ތައް ހޭދަކޮށްލުން.
3. ރަމަޟާން މަސް އައުމުން ބައެއް މީހުން ތައުބާވެ، މިސްކިތަށް އަރާ ނަމާދުކޮށް، ގުރްއާން ކިޔަވާ، ރޯދަ ހިފާތަން ފެނެއެވެ. އެހެންނަމަވެސް، ރޯދަމަސް ނިމުމާއިއެކު، އިހުއުޅުނު ގޮތަށް އެބައިމީހުންގެ އަމަލުތައް ބަދަލުވެގެންދާކަން ފާހަގަ ކުރެވެއެވެ. އެހެންނަމަވެސް، މިގޮތަށް ކަންތައް ކުރުމަކީ ވަރަށް ނުރައްކާތެރި އެހާމެ ގޯސް ކަމެކެވެ. ﷲ ވޮޑިގެންވާކަން އެގެނީ ހަމައެކަނި ރަމަޟާން މަހުގައި ކަމަށް އެބައިމީހުންނަށް ހީކުރާ ކަހަލައެވެ. ކުރާ ކޮންމެ ކަމެއް ކޮންމެ ވަގުތެއްގައިވެސް ﷲ ތައާލާ މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން ހަނދާންކުރަން ޖެހެއެވެ. އެހެންކަމުން، ކުރިންކުރެވިފައިވާ ކަންތަކަށް ހިތާމަކޮށް، ދެން އެފަދަ ކަމަކަށް އަރައިނުގަތުމަށް ޢަޒުމްކޮށް، ތެދުވެރި ތައުބާ އަކުން ތައުބާވާން ޖެހެއެވެ. ފުރިހަމަ ތައުބާ އަކުން ތައުބާ ވެއްޖެނަމަ މާތް ﷲ އެމީހެއްގެ ފާފަ ފުއްސަވާނެއެވެ.
(وَإِنِّيْ لَغَفَّارٌ لِّمَنْ تَابَ وَآمَنَ وَعَمِلَ صَالِحًا ثُمَّ اهْتَدَى) މާނައަކީ: " ތައުބާވެ އީމާންވެ ޞާލިޙް ޢަމަލުކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން، ތިމަން ﷲއީ، ގިނަގިނައިން ފާފަފުއްސަވާ އިލާހު ކަން ކަށަވަރެވެ".
ސޫރަތު ޠާހާ ގެ 82 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވައެވެ.
4. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރަމަޟާން މަހަކީ ދުވާލުގަޑީގައި ނިދުމާއި ކަންނެތް ވުމުގެ މައްސަރެއް ކަމަށެވެ. އަދި ރޭގަނޑުގެ ވަގުތުތަކުގައި ހޭލާ އުޅެ، މީސްމީހުންގެ ނުބައި ވާހަކަ ދައްކާ، ކުޅިވަރާއި މަޖަލުގައި ހޭދަކުރުމުގެ ވަގުތުތައް ނަގާލާތަން ފެނެއެވެ. ނަމަވެސް މިކަމަކީ ވަރަށް ވެސް ނުރައްކާތެރި ކަމެކެވެ. ކިޔަމަންތެރިންގެ ކިޔަމަންތެރިކަމުގެ މައްޗަށާއި ނުކިޔަމަންތެރިންގެ އުރެދުމުގެ މައްޗަށް މިދުވަސްތައް ގިޔާމަތް ދުވަހުން ހެކިވެރިވާނެއެވެ. ވީމަ، މި މާތް ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންވާނެއެވެ.
5. ބައެއް މީހުން ރަމަޟާން މަސް އައުމުން އެކަމާ ހިތާމަކޮށް ދެރަވެ، އަދި އެމަސް އަލްވަދާއު ކިޔުމުން އެކަމާ އުފާވާކަން ފާހަގަ ކުރެވެއެވެ. އެބައިމީހުން ދެކޭ ގޮތުގައި އެބައިމީހުންގެ ޝަހްވަތްތައް ފުއްދުމާއި، އެހެނިހެން ބޭނުންތައް ފުއްދުމަށް ރަމަޟާން މަސް ހުރަހަކަށްވެއެވެ. އެބައިމީހުން ރަމަޟާން މަހު ރޯދަ ހިފަނީ މީސްތަކުން ބުނެފާނެ އެއްޗަކަށް ލަދުން ނުވަތަ ބިރުންނެވެ. މިއީ، ވަރަށްވެސް ހިތާމަހުރި ކަމެކެވެ. ސަބަބަކީ އިހްލާސްތެރިކަމާއި ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ- އަށް ތަބައަވުމުގެ މާތް ސިފަ އަޅުކަމުގައި ހިމެނިފައިނުވަނީ ނަމަ، އެއަޅުކަމަކީ ގަބޫލުކުރައްވާނެ އަޅުކަމެއް ނޫނެވެ.
(قلْ إنِّي أُمرتُ أنْ أعبُدَ اللهَ مُخلِصاً لهُ الدينَ) މާނައަކީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ ﷲ އަށް އިހްލާސްތެރިކަމާއި އެކުގައި އަޅުކަން ކުރުމަށެވެ".
ސޫރަތުއްޒުމަރު ގެ 11 ވަނަ އާޔަތުގައި ވަހީ ކުރެއްވިއެވެ.
(قل اللهَ أعبُدُ مخلِصاً لهُ ديني) މާނައަކީ: " ކަލޭގެފާނު ވިދާޅުވާށެވެ. އެކަލާނގެ ކިބައަށް އަހަރެންގެ ދީން ޚަލާޞްކޮށް އަހުރެން އަޅުކަން ކުރާނީ ހަމައެކަނި މާތް ﷲ އަށެވެ".
ސޫރަތުއްޒުމަރު ގެ 14 ވަނަ އާޔަތުގައި ވަހީ ކުރެއްވިއެވެ.
(فاعبُدِ اللهَ مخْلِصاً له الدينَ ألا لله الدينُ الخالصُ) މާނައަކީ: " ފަހެ ކަލޭގެފާނު މާތް ﷲ ގެ ކިބައަށް ދީން ޚަލާޞް ކުރައްވައި އެކަލާނގެ ކިބަޔަށް އަޅުކަން ކުރައްވާށެވެ".
ސޫރަތުއްޒުމަރު ގެ 2 ވަނަ އާޔަތުގައި ވަހީ ކުރެއްވިއެވެ.
"مَنْ صَامَ يُرَائِيْ فَقَدْ أَشْرَكَ، وَمَنْ صَلَّى يُرَائِيْ فَقَدْ أَشْرَكَ، وَمَنْ تَصَدَّقَ يُرَائِيْ فَقَدْ أَشْرَكَ" މާނައަކީ: "ދެއްކުންތެރިކަމާއި އެކު ރޯދަ ހިފައިފި މީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ނަމާދުކޮށްފިމީހާ ޝިރްކުކޮށްފިއެވެ. ދެއްކުންތެރިކަމާއި އެކު ޞަދަގާތްކޮށްފިމީހާ ޝިރްކުކޮށްފިއެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
وَعَنْ مَحْمُوْدِ بِنْ لُبَيْدٍ قَالَ: خَرَجَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: "يَا أَيُّهَا النَّاسُ إِيَّاكُمْ وَشِرْكُ السَّرَائِرِ. قَالُوْا: يَا رَسُوْلَ اللهِ وَمَا شِرْكُ السَّرَائِرِ ؟ قَالَ: يَقُوْمُ الرَّجُلُ فَيُصَلِّيْ، فَيُزَيِّنُ صَلَاتَهُ جَاهِداً لِمَا يُرَى مِنْ نَظَرِ النَّاسِ إِلَيْهِ، فَذَلِكَ شِرْكُ السَّرَائِرِ" މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މީސްތަކުންގެ ތެރެއަށް ނިކުމެވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސިއްރު ޝިރްކުން ސަލާމަތްވެ ދުރުހެލިވާށެވެ"، ޞަޙާބީން ދެންނެވިއެވެ. "ސިއްރު ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "މީހަކު ގަދައަޅައި ނަމާދު ކުރެއެވެ، ނަމަވެސް މީސްތަކުންނަށް ދެއްކުމަށް ޓަކައެވެ. އެއީ ސިއްރު ޝިރްކެވެ"
عَنْ مَحْمُوْدِ بِنْ لُبَيْدٍ أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: "إِنَّ أَخْوَفَ مَا أَخَافُ عَلَيْكُمْ الشِّرْكُ الْأَصْغَرُ، قَالُوْا وَمَا الشِّرْكُ الْأَصْغَرُ يَا رَسُوْلَ اللهِ ؟ قَالَ: الرِّيَاءُ. يَقُوْلُ اللهُ عَزَّ وَجَلَّ إِذَا جُزِيَ النَّاسُ بِأَعْمَالِهِمْ: اِذْهَبُوْا إِلَى الَّذِيْنَ كُنْتُمْ تُرِاؤُوْنَ فِيْ الدُّنْيَا، فَانْظُرُوْا هَلْ تَجِدُوْنَ عِنْدَهُمْ جَزَاءً) މާނައަކީ: މާތް ﷲ ރުއްސުންލެއްވި މަޙްމޫދު ބިން ލުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބިރުވެތިވަނީ ކުޑަ ޝިރްކާއި މެދުގައެވެ. ސަހާބީން ދެންނެވިއެވެ. "ކުޑަ ޝިރްކަކީ ކޮބައިތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. "ދެއްކުންތެރިކަމެވެ. މީސްތަކުންގެ ޢަމަލުތަކަށް ޖަޒާދެއްވާ ނިންމެވުމަށްފަހު ގައި މާތް ﷲ ވަޙީ ކުރައްވާނެއެވެ. "ތިޔަބައިމީހުން ދުނިޔެމަތީގައި ދެއްކުމަށް ކަންތައް ކުޅަމީހުންގެ ގާތަށްގޮސް އެމީހުންގެ ފަރާތުން ދަރުމައެއް ލިބޭތޯ ބަލާށެވެ"
وَعَنْ أَبِيْ سَعِيْدِ بِنْ أَبِيْ فُضَالَةَ رَضِيَ اللهُ عَنْهُ، وَكَانَ مِنَ الصَّحَابَةِ قَالَ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ: "إِذَا جَمَعَ اللهُ الْأَوَّلِيْنَ وَالْآخِرِيْنَ يَوْمَ الْقِيَامَةِ لِيَوْمٍ لَّا رَيْبَ فِيْهِ، نَادَى مُنَادٍ: مَنْ أَشْرَكَ فِيْ عَمَلِهِ لِلَّهِ أَحَداً فَلْيَطْلُبْ ثَوَابَهُ مِنْ عِنْدِهِ، فَإِنَّ اللهَ أَغْنَى الشُّرَكَاءِ عَنِ الشِّرْكِ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބޫ ސަޢީދު ބިން އަބީ ފުޟާލާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ- ހަދީޘް ކުރައްވާތީ އެއްސެވީމެވެ. "ގިޔާމަތް ދުވަހުން އެންމެހައި މީސްތަކުން މަޙްޝަރު ކުރެއްވުމަށްފަހުގައި ގޮވާ މީހަލު ގޮވާނެތެވެ. ﷲ އަށް ޓަކައި ކުޅަ ޢަމަލެއްގައި އެހެން ފަރާތެއް ބައިވެރިކޮށްފައިވަނީ ނަމަ، އެކަމެއްގެ ޡަވާބު އެމީހެއްގެ ފަރާތުން އެދޭހުށި ކަމެވެ. ހަމަކަށަވަރުން ޝިރްކު ކުރާ މީހުންގެ ޝިރްކަކަށް ﷲ ބޭނުންފުޅުވޮޑިގެން ނުވެއެވެ".
6. ބައެއް މީހުން ބޭކާރުގޮތުގައި ރޭގަޑު ހޭލާ އުޅޭތަންފެނެއެވެ. އެޔަށްފަހު މެންދަމުވީމާ ހާރުކައިގެން ނިދައެވެ. ފަތިސްނަމާދުގެ ޖަމާއަތަކަށްވެސް ހެޔެއް ނުލެވެއެވެ. މީގައި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތާ ފުށުއަރާ އެތައް ކަމެއް އެބަހުއްޓެވެ. އޭގެ ތެރޭގައި:
• ކޮންމެހެން ބޭނުންވެއްޖެ ކަމެއްގައި މެނުވީ ރޭގަނޑު އިޝާފަހުން ހޭލާ ހުރުމަކީ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ރުހިވޮޑިގެން ނުވާ ކަމެކެވެ.
(كان رسول الله صلى الله عليه وسلم يكره النوم قبل العشاء والكلام بعده) މާނައަކީ: "އިޝާގެ ކުރިން ނިދުމާއި، އޭގެ ފަހުން ހޭލާ އުޅުމަށް ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ- ނުރުހުންތެރިވެއެވެ".
• ރަމަޟާންމަހުގެ ބަރަކާތްތެރިކަން ނުލިބި އެބައިމީހުންގެ ވަގުތުތައް ބޭކާރުގޮތުގައި ދުއްވާލުން.
• ހާރުކެއުމަށް ސުންނަތުގައި އޮންނަ ގަޑިނުން އެހެން ގަޑިއެއްގައި ކެއުން.
• ފަތިސްނަމާދުގެ ޖަމާއަތަށް ހާޒިރުނުވުން. އޭގެ ސަބަބުން ފަތިސްނަމާދު ޖަމާއަތުގައި ކުރާ މީހާ އަށް ލިބޭ ޘަވާބާއި ދަރުމައިން އެމީހަކު މަހްރޫމްވެގެން ދިޔުން.
(مَنْ صَلَّى الْعِشَاءَ فِيْ جَمَاعَةٍ فَكَأَنمَّاَ قَامَ نِصْفُ اللَّيْلِ وَمَنْ صَلَّى الصُّبْحَ فِيْ جَمَاَعَةٍ فَكَأَنَّمَا صَلَّى اللَّيْلَ كُلَّهُ) މާނައަކީ: "އިޝާނަމާދު ޖަމާއަތުގައި އަދާކޮށްފިމީހާ ރޭގަޑުގެ ދެބައިކުޅައެއްބައިގައި އަޅުކަން ކުރި ފަދައެވެ. ފަތިސްނަމާދު ޖަމާޢަތުގައި އަދާކޮށްފިމީހާ މުޅި ރޭގަޑު އެއްކޮށް އަޅުކަން ކުރި ފަދައެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
މީގެ އިތުރުން ޖަމާއަތުގައި ނަމާދު ކުރުމުން ލިބޭ ޘަވާބާއި ދަރުމައިންވެސް އެމީހަކު މަހްރޫމް ވެގެންދެއެވެ.
7. ކެއުމާއި ބުއިން އަދި ޖިމާއުވުން ފަދަ ރޯދަ ގެއްލޭ ހިއްސީ ކަންތަކުން ދުރުހެލިވެގެން ހުރިކަމުގައި ވީނަމަވެސް، މައުނަވީގޮތުން ރޯދައަށް އުނިކަން ލިބެނިވި ކަންތަކުން ދުރުހެލިނުވެވުން. މިގޮތުން ޣީބަބުނުމާއި ދެބައޮޑުވުމާއި ޙަރާމްކުރެއްވި ތަންތަނަށް ބެލުންފަދަ ކަންތަކުން ދުރުހެލި ނުވެވޭކަން.
(مَنْ لَمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِيْ أَنْ يَدَعَ طَعَامَهُ وَشَرَابَهُ) މާނައަކީ: "ނުބައިވާހަކަ ދެއްކުމާއި، އެއަށް އަމަލުކުރުން ދޫކޮށްނުލައިފިމީހާ، ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުމަކުން މާތް ﷲ އަށް ބޭނުމެއް ނެތެވެ".
ރަސޫލު ﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރެއްވިއެވެ.
8. އީމާންކަމާއި ދަރުމަ އަށް އެދި ތަރާވީހް ނަމާދުގައި ބައިވެރިވެއްޖެ މީހާ އަށް މުޅިރޭ އެއްކޮށް އަޅުކަން ކުރުމުގެ ޘަވާބު ދެއްވާނެކަން އަންގަވާފައިވާ އިރުވެސް، ތަރާވީހް ނަމާދު ނުކޮށް ދޫކޮށްލާތަން ފެނެއެވެ. ބައެއް މީހުން ދެކޭގޮތުގައި ތަރާވީހް ނަމާދަކީ ސުންނަތް ނަމާދެކެވެ. އެހެންކަމުން ކޮންމެހެން ކުރުން ލާޒިމް އެއް ނޫނެވެ. ތަރާވީހް ނަމާދަކީ ސުންނަތެއް ކަމުގައިވީ ނަމަވެސް، އެނަމާދަކި ވަރަށް ބޮޑު ދަރުމަ އާއި ޘަވާބެއް ލިބެނިވި ނަމާދެއްކަން ބަޔާންވެގެން ހިނގައްޖެއެވެ. ވުމާއިއެކު، މިފަދަ ބޮޑު ހެޔޮކަމެއް ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ހެޔޮވެގެންވާނެ ކަމެއް ނޫނެވެ.
މީގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ތެރޭގައި ލައިލަތުލް ގަދްރިވިލޭރޭވެސް ހިމެނެއެވެ. މީގެ އިތުރުން، ސުންނަތް ނަމާދު ޝަރްއު ކުރެވިފައިވަނީ ފަރްޟު ނަމާދު ތަކުގައި ކުރެވިފައިވާ ބައެއް ކުދިކުދި ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައެވެ. އެހެންކަމުން ސުންނަތެކޭ ކިޔާ ތަރާވީޙް ނަމާދު ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.
9. ބައެއް މީހުން ރޯދަހިފިކަމުގައިވީ ނަމަވެސް ނަމާދު ނުކުރާ ކަން ފާހަގަކުރެވެއެވެ. ނަމާދު ނުކޮށް ކުރާ އެއްވެސް ހެޔޮކަމަކީ މާތް ﷲ ގަބޫލު ކުރައްވާނެ ކަމެއް ނޫނެވެ.
10. އިމާމްވެ ތަރާވީޙް ނަމާދު ކުރާ ބައެއް ބޭފުޅުން އަވަސް އަރުވާލާފައި ކިޔަވާތަން ފެނެއެވެ. މީ މިކަންކޮށްގެން ވާނެ ގޮތެއް ނޫނެވެ. ގުރްއާން ކިޔަވަންވާނީ އޭގެ މާނައަށް ވިސްނަމުން ތަޖްވީދުގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.