ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަތުން 29 މިލިއަން ރުފިޔާ ހޯއްދަވަން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ދައުވާ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ އެ ފައިސާ މައުމޫނަށް ދެއްވި ކަމުގެ ހެއްކެއް ޖާބިރަށް ކޯޓަށް ހުށަހެޅުއްވިފައި ނުވާ ކަމަށެވެ.
އެމައްސަލައިގައި މިއަދު އެ ދައުވާ ރައީސް މައުމޫނަށް ސާބިތު ނުވާ ކަމަށް ނިންމާފައި ވާއިރު މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައިވެސް ރައީސް މައުމޫންގެ ފަރާތުން ވަނީ މައްސަލައަށް އިންކާރު ކުރައްވާފައެވެ. އަދި އެފަދަ އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށް ރައީސް މައުމޫނުގެ ފަރާތުން ވަނީ ވިދާޅުވެފައެވެ.
މައުމޫން ޖާބިރު އަތުން 29 މިލިއަން ރުފިޔާ ނެންގެވި ކަމަށް ވިދާޅުވެ ފުލުހަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުއެވެ. ނަމަވެސް ޖާބިރު ވަނީ އެމައްސަލަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުއްވި 29 މިލިއަން ރުފިޔާގެ މައްސަލަ އަނބުރާ ނެންގެވުމަށް ނިންމެވިއެވެ.
އޭރު އެމައްސަލަ އަނބުރާ ނެންގެވި ސަބަބަކީ ޖާބިރުގެ މަންމަ މަރިޔަމް މަނިކެގެ އެދިވަޑައިގަތުމަކަށް ކަމަށާއި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މައާފު ދެއްވާފައިވާ ކަމަށް އޭރު ޖާބިރު ވަނީ ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވީ މައުމޫނު އޭނާގެ އަތުން ފައިސާ ނެންގެވީ އެމަނިކުފާނު ޕީޕީއެމުން އެކަހެރިކޮށްފައި ހުންނެވި ދުވަސްވަރުގައި ކަމަށެވެ.
ޖާބިރު ވަނީ މިފަދަ ތުހުމަތެއް ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ވެސް ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީން އޭނާގެ އަތުން 17 މިލިއަން ރުފިޔާ ނަންގަވާފައިވާ ކަމަށާއި އެ ރުފިޔާއަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު ނެންގެވި ފައިސާ ކަމަށެވެ. މި ކަމާ ގުޅިގެން ޖާބިރު ވިދާޅުވެފައި ވަނީ ޔާމީންގެ ސަރުކާރަކީ އޭނާގެ އެހީތެރިކަމާއެކު ގެނެސްފައިވާ ސަރުކާރެއްކަން ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ.