ރޭ ޕޯޗުގަލްގެ ޕޯޓޯގެ ދަނޑުގައި އެޓީމާއި އިނގިރޭސި ޓީމު ޗެލްސީއާ ދެމެދު ކުޅުނު ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ހަތަރު ވަނަ މެޗުގައި ޗެލްސީގެ ޒުވާން ކުޅުންތެރިޔާ މޭސަން މައުންޓް ދެއްކި ކުޅުމަށް ޓީމުގެ ކޯޗު ތޯމަސް ޓުކުލް ތައުރީފުކޮށްފިއެވެ.
2-0 އަކުން ޗެލްސީ ރޭގެ މެޗުން މޮޅުވި އިރު މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓްގައި ޖެހީ މައުންޓެވެ. މިއީ ޗެމްޕިއަންސް ލީގުގައި މައުންޓް ޖެހި ފުރަތަމަ ލަނޑުވެސް މެއެވެ.
މެޗުގައި ޗެލްސީން ޖެހި ދެވަނަ ލަނޑު 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ބެން ޗިލްވެލްއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓުކުލް ބުނީ ރޭގެ މެޗުގައި މައުންޓް ޖެހި ލަނޑަކީ އޭނާގެ ފުޓްބޯޅަ ކެރިއަކު ކުރިއެރުވުމަށް އެޅި މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ. އޭނާ ބުނީ މައުންޓަކީ ޒުވާން ކުޅުންތެރިއެއް ނަމަވެސް އޭނާއަކީ މިވަގުތު ޗެލްސީގެ ސްކޮޑަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
މީގެ ކުރިން ފަރަންސޭސި ޓީމު ޕީއެސްޖީއަށް ކޯޗު ކޮށްދީފައިވާ ތޯމަސް ޓުކުލް ޗެލްސީގެ ކޯޗު ކަމާ ހަވާލުވި ފަހުން ޒުވާން ކުޅުންތެރިޔާ މައުންޓްގެ ކުޅުން އިތުރަށް ރަނގަޅުވެފައިވާ ކަން ގިނަ ޕަންޑިޓުން ވަނީ ފާހަގަކޮށްފައެވެ. އޭނާ އަކީ ޖެނުއަރީ މަހު ޓުކުލް ކޯޗު ކަމާ ހަވާލުވި ފަހުން ހުރިހާ މުބާރާތެއްގައި ޗެލްސީއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން ކުޅުންތެރިޔާ ވެސް މެއެވެ. މި ގޮތުން މޭސަން މައުންޓް ވަނީ އޭނގެ ފަހުން ޖުމްލަ 5 ލަނޑު ޖަހާފައެވެ.
އަމިއްލަ ދަނޑުގައި ޗެލްސީ އަތުން 0-2 އަކުން ބަލިވި ޕޮޓޯއިން ވަނީ ކުއާޓާ ފައިނަލުން ބަލިވިކަން އަދި ޤަބޫލުނުކުރާ ކަމަށް ބުނެފައެވެ. އަދި އަންނަ ހަފްތާގައި ޗެލްސީގެ ދަނޑުގައި ކުޅޭ ލެގުން މޮޅުވެ ސެމީއަށް ދަތުރުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އެޓީމުން ބުނެއެވެ.