ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ތިން ވަނަ މެޗުގެ ފުރަތަމަ ލެގުގައި ރޭ މިދިޔަ ސީޒަންގެ މުބާރާތުގެ ޗެމްޕިއަން ބަޔާން މިއުނިކްއާ ފަރަންސޭސި ޓީމު ޕެރިސް ސެއިން ޖެމައިން ޕީއެސްޖީ ބައްދަލުކުރި ވާދަވެރި މެޗު ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ޕީއެސްޖީ ކާމިޔާބުކުރީ 3-2 އަކުންނެވެ. މިމެޗުގެ ފުރަތަމަ ލަނޑު ޕީއެސްޖީ ޖެހީ މެޗުގެ 3 ވަނަ މިނެޓްގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ހުނަރުވެރި ފޯވަޑް ކިލިއަން އެމްބާޕޭއެވެ.
ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ދެވަނަ ލަނޑު ވެސް ޖެހީ ޕީއެސްޖީއެވެ. މެޗުގެ 28 ވަނަ މިނެޓްގައި މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު މާކިއުނޯސްއެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ބަޔާނުން ވަނީ ލަނޑެއް ޖަހާ މެޗުގެ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓްގައި މިލަނޑު ބަޔާންއަށް ޖަހާ ދިނީ ކުރިން ޕީއެސްޖީއަށް ކުޅުނު ފޯވަޑް އެރިކް މެކްސިމް ޗުޕޯ-މޮޓިންގްއެވެ.
ދެވަނަ ހާފްގައި ބަޔާނުން ކުޅުނު އިތުރަށް ވަރުގަދަ ކުރި އިރު މެޗުގެ 60 ވަނަ މިނެޓްގައި އެޓީމުގެ ތަޖުރިބާކާރު ފޯވަޑް ތޯމަސް މުލާ ވަނީ ލަނޑެއް ޖަހާ ސްކޯ ހަމަ ހަމަކޮށްފައެވެ.
އެހެން ނަމަވެސް އޭނގެ 8 މިނެޓް ފަހުން 68 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ މެޗުގައި ދެވަނަ ލަނޑެއް ޖަހާ ޕީއެސްޖީ މޮޅުކޮށްދީފައެވެ.
މިކުއާޓާގެ ދެވަނަ ލެގް އޮންނަނީ އަންނަ ހަފްތާގައި ޕީއެސްޖީގެ ދަނޑުގައެވެ.