ހއ. ހޯރަފުށީ ފެރީ ޓާރމިނަލް ބިންގާ އަޅާ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސްވެރިންނާއި، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި، ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެ ޓާމިނަލަކީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކްފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ހިމެނޭ ހއ، ހދ، ށ އަށް ފޯރުކޮށް ދޭ ފުރަތަމަ ސްޕީޑް ފެރީގެ ހިދުމަތެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން 41 ޓާރމިނަލެއް 41 ރަށެއްގައި ގާއިމުކުރާނެއެވެ. އެ ނިޒާމް ފަރުމާކޮށްފައި ވަނީ ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރުކުރުމުގައި މިހާރު ބޭނުން ކުރަމުންދާ ފެރީގެނިޒާމްގައި ހުރި މައްސަލަތައް ބަލައި، އެކަންކަމަށް ހައްލު ލިބޭނެ ނިޒާމެއްގެ ގޮތުގައެވެ.

އެގޮތުން އެ އާނިޒާމް އަކީ އެއްރަށުން އަނެއްރަށަށް ދަތުރުކުރަން މިހާރު ހޭދަވާ ވަގުތު ތިންގުނަ އަވަސްކޮށްދޭނެ ނިޒާމެކެވެ.

އަދި އެނިޒާމްގައި ބޭނުންކުރާނެ ފެރީ ތަކަކީ ސީދާ އެކަމަށް ފަރުމާކޮށް އަލަށް ބަންނަ ފެރީތަކެވެ. އެފެރީތައް ބަނުމުގައި އިސްކަންދީފައި ވަނީ ދަތުރުވެރިންނަށް ހިތްފަސޭހަ ދަތުރެއް ކުރެވޭނޭ ގޮތަށް ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ. އެގޮތުން ފެރީގެ ސީޓާއި، ފަސެންޖަރުންގެ ކެބިން ފަރުމާކޮށްފައި ވާނީ އެފަދަ ދަތުރުތައް ކުރުމަށް އެންމެ އެކަށޭނަ ގޮތަށް ކަމަށްވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އަދި ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް އެ ފެރީތަކުގައި ގާއިމް ކުރާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.