މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޯދަ މަހަށް ގެއަށް ބަދަލުކޮށްދިނުމަށް އެދި އިދިކޮޅުން ކޯލިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ވަޑައިގެންފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް އެ ކޯލިޝަންގެ ބޭފުޅުންނާ ރައީސް އޮފީހުގައި ބައްދަލުކުރެއްވީ އެ ބޭފުޅުންގެ އެދިވަޑައިގަތުމަކަށް ކަމަށެވެ.

އެގޮތުން މި ބައްދަލުވުމުގައި ރައީސް ޔާމީން ޖަލުގައި އޮންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމާއި، އެންމެ ކުޑަމިނުން ރޯދަ މަހަށް އެމަނިކުފާނު ގެއަށް ބަދަލުކޮށް ދިނުމަށް ރައީސްގެ އަރިހުން އެދިވަޑައިގެންފައިވާނެ ކަމަށްވެސް އެ ކޯލިޝަނުން ބުނެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ޖަލު ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. އަދި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ވަނީ ކޮށްފައެވެ.