ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި އިނގިރޭސި ޓީމު މެންޗެސްޓާ ސިޓީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދައިފިއެވެ.

މިމެޗު ސިޓީ ކާމިޔާބުކުރި 2-1 ގެ ނަތީޖާއަކުންނެވެ. ސިޓީގެ އެތިހާދް ސްޓޭޑިއަމްގައި ފޭނުންނާ ނުލާ ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސް އެޓީމުންނެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެޗުގެ 19 ވަނަ މިނެޓްގައި ކެވިޑް ޑްބްރައިނާއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ސިޓީގެ ރިޔާޒް މަހްރޭޒް ދިން ޕާހަކުންނެވެ.

މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ސިޓީ ކުޅެމުން ދިޔަ ނަމަވެސް މެޗު ނިމެންދަނިކޮށް 84 ވަނަ މިނެޓްގައި ޑޯޓްމަންޑުން ވަނީ ލަނޑެއް ޖަހާ ސްކޯ އެއްވަރުކޮށްފައެވެ.

ރޭގެ މެޗުން މޮޅުވެ ސިޓީ މިވަނީ ސެމީއާ ގާތަށް ޖެހިލާފައި

މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އާލިން ހާލަންޑް ނަގާ ދިން ހުރަހަކުން ކެޕްޓަން މާކޯ ރޮއިސްއެވެ. މިލަނޑާ އެކު 1-1 އަކުން މެޗު ނިމޭނެ ކަމަށް ބެލެވުނު ނަމަވެސް މެޗު ނިމެންދަނިކޮށް ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑަން ވަނީ ލަނޑެއް ޖަހާ އެޓީމަށް މެޗު ކާމިޔާބުކޮށް ދީފައެވެ.

މެޗުގެ 90 ވަނަ މިނެޓްގައި ފޯޑަން ޖެހި މިލަނޑަކީ ގުންޑުއޯން ނަގާ ދިން ހުރަހަކުން ފޯޑަން ޖެހި ލަނޑެކެވެ.

އަންނަ ހަފްތާގައި ކުއާޓާ ފައިނަލްގެ ދެވަނަ ލެގް ޑޯޓްމަންޑްގެ ދަނޑުގައި އޮންނަ އިރު ސިޓީ މިވަނީ ސެމީއަށް ކުރާ ދަތުރުގެ ބޮޑުބައި ކާމިޔާބުކޮށްފައެވެ.