މިސީޒަންގެ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގައި ރޭ ސްޕެއިންގެ ރިއާލް މެޑްރިޑާއި އިނގިރޭސި ޓީމު ލިވަޕޫލް ވާދަކުރި މެޗު ރިއާލް ފަސޭހަ ކަމާ އެކު ކާމިޔާބުކޮށްފިއެވެ.
ފޭނުންނާއި ނުލާ ރިއާލްގެ ދަނޑުގައި ކުޅުނު މިމެޗުގައި އެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ އިރު މެޗުގެ ފުރަތަމަ ހާފްގައި ލިވަޕޫލުގެ ފަރާތުން ފެނުނީ އާދިޔާ ހިލާފަށް ދަށް ކުޅުމެކެވެ.
މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ރިއާލްއިން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓްގައެވެ. ޖަރުމަނުގެ މިޑްފީލްޑަރު ޓޯނީ ކްރޫސް ދިން ޕާހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބްރެޒިލްގެ ޒުވާން ފޯވަޑް ވިނީސިއަސް ޖޫނިޔާއެވެ.
މެޗުގެ ދެވަނަ ލަނޑަކީ ލިވަޕޫލްގެ ޑިފެންޑަރު ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް އަތުން ހެދުނު ގޯހަކުން ވަތް ލަނޑެކެވެ. މިލަނޑު ރިއާލްއަށް ކާމިޔާބުކޮށް ދިނީ މެޗުގެ 36 ވަނަ މިނެޓްގައި އެސެންސިއޯއެވެ.
ލިވަޕޫލްގެ މެދު ތެރެއިން ކުޅެމުން އައި ކުޅުންތެރިންނަށް މެޗު ކޮންޓްރޯލް ކުރާނެ ފުރުސަތު ނުލިބުނު އިރު ކޯޗު ޔާގަން ކްލޮޕް ވަނީ މިޑްފީލްޑްގައި އެންމެ ގޯސްކޮށް ކުޅެމުން އައި ކަމަށް ފެނުނު ނަބީ ކެއިޓާ ފުރަތަމަ ހާފް ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ބަދަލުކޮށް ތިއާގޯ އަރުވާފައެވެ.
ދެވަނަ ހާފްގައި ލިވަޕޫލްގެ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުކުރި އިރު މެޗުގެ 51 ވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ޖަހާ ސްކޯގެ ފަރަގު ކުޑަކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މިސްރުގެ ފޯވަޑް ސަލާހެވެ. ލިވަޕޫލްގެ ލަނޑާ އެކު އެޓީމުން މެޗުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް ބެލެވުނު ނަމަވެސް ލިވަޕޫލުން ވަނީ ރިއާލްއަށް އިތުރު ލަނޑެއް ޖަހާނެ ފުރުސަތު ދީފައެވެ.
މިލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށް ދިނީ ވިނީސިއަސް ޖޫނިޔާއެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ ރިއާލް މެޗުން މޮޅުވާން އޭނާގެ ޓީމުން 'ދިނީ' ކަމަށާއި ސެމީއަށް ދާން ބޭނުންވާ ނަމަ އެކަން ކުޅުމުން ދައްކަން ޖެހޭ ކަމަށެވެ.
ކުއާޓާ ފައިނަލްގެ ދެވަނަ ލެގް އަންނަ ހަފްތާގައި ކުޅޭ އިރު މި މެޗު އޮންނާނީ ލިވަޕޫލްގެ ދަނޑު އެންފީލްޑްގައެވެ. އަދި މިމެޗުން 2-0 ގެ ނަތީއަކުން މޮޅުވެ ލިވަޕޫލަށް ސެމީއަށް ދެވޭނެއެވެ.