ހއ. ބާރަށު ނެރު ފުންކުރުމުގެ މަސައްކަތާއި ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަސައްކަތް އަދި ނ. މަނަދޫގެ އާ ނެރު ކޮނުމާއި ބޭރުތޮށި ލުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ބާރަށު ނެރު ފުންކުރުމާއި ކުރީގެ ބަނދަރު އަލުން ފުންކުރުމުގެ މަޝްރޫއު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިންގް އެންޑްއިންފްރާސްޓްރަކްޗާގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.
އެ މަޝްރޫއު ހަވާލުކޮށްފައިވަނީ 120 ދުވަސްތެރޭގައި ނިންމުމަށް 17.12 މިލިއަން ރުފިޔާ އަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ އެމަޝްރޫއުގެ ދަށުން ކޮނެވޭ ނެރުގެ ދިގުމިނަކީ 755 މީޓަރު އަދި ފުޅާ މިނަކީ 33 މީޓަރު ކަމަށެވެ. އަދި އެ ނެރު ކޮނުމަށް ހަމަޖެހިފައިވަނީ 8 މީޓަރު ފުންމިނަށް ކަމަށް އެމްޓީސީސީން ބުނެއެވެ.
އޭގެއިތުރުން މިހާރު ބޭނުންކުރަމުންދާ ބަނދަރު 5.3 މީޓަރަށް ފުންކުރުން ވެސް އެ މަޝްރޫއުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ވެލިދޫ ދޯނި އެހެލާ ސަރަހައްދު ތަރައްގީ ކުރުމުގެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.
އެ މަޝްރޫއުގެ ދަށުން، 48.3 ހެކްޓަރުގެ ބިން ހިއްކާ، 255 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފާ ވެއެވެ.
އެ މަޝްރޫއު އަކީ 25.18 މިލިއަން ރުފިޔާ އަށް ހަވާލު ކުރި މަޝްރޫއެކެވެ. އެމަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 280 ދުވަހުގެ ތެރޭގައެވެ.
މަނަދޫ އާ ނެރު ކޮނުމާއި ބަނދަރުގެ ބޭރުތޮށިލުމުގެ މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.
އެ މަޝްރޫއުގެ ދަށުން، ބަނދަރުގައި ބޭނުން ކުރަމުން އައި އިހުގެ ނެރު ބަންދުކޮށް، އާ ނެރެއް ކޮނުމާއި، 290 މީޓަރުގެ ބޭރުތޮށި ލުމާއި، 2 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ޖެޓީ އެއް ހެދުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެމަޝްރޫއަކީ 11.29 މިލިއަން ރުފިޔާ އަށް، 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރި މަޝްރޫއެކެވެ.