100،000 ރުފިޔާގެ އަގުހުރި އިނާމުތަކާއެކު ކެލާ ސްޕާލީގު ބާއްވައި ދޭނެ ކަމަށް، އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެލާ ދާއިރާގެ ކައުންސިލް ރައީސް ކަމަށް ވާދަކުރައްވާ ކެލާ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ހުސައިން ހަމީދު ވިދާޅުވެއްޖެއެވެ.

"ދޭންވީ ކީއްވެ؟" ނަމުގައި އެމްޑީޕީ ކެލާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ހަމީދު ވިދާޅުވީ ކެލައަކީ ކުޅިވަރަށް ލޯބިކުރާ ޒުވާނުންތަކެއް ދިރިއުޅޭ ރަށެއް ކަމަށާއި ކެލާ ސްޕާ ލީގް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޒުވާނުންނަށާއި ޖަމިއްއާތަކަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކުރިއަށް އޮތް އިންތިހާބުގައި އޭނާއާއެކު އެމްޑީޕީ އަދި އަދާލަތުން ވާދަކުރާ މެންބަރުން ކައުންސިލަށް ހޮވައިފިނަމަ ކެލާގެ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ކެލާ ސްޕާލީގު ކެލާގެ ޖަމިއްޔާތަކާ ގުޅިގެން ކޮންމެ އަހަރަކު ބާއްވާނެ ކަމަށެވެ. އަދި ކެލާގައި ހުރި އެހެނިހެން ފުރުސަތުތަކުގެ ވާހަކަ ދައްކަވަމުން ކެލާގައި 1000 ވުރެ ގިނަ ވަޒީފާ އުފެން އެބައޮތް ކަމަށާއި ކެލާ ޒުވާނުންގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމީދު ވަނީ ކެލާގެ ތަރައްގީއާއި ކުރިއެރުމަށް، މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީ އަދި އަދާލަތުގެ ކެންޑިޑޭޓުންނަށް ވޯޓުދިނުމަށް އެދިވަޑައިގެންފައެވެ.

ބަދީއުއްސަލާމް

އެޖަލްސާގައި ވާހަކަ ދައްކަމުން ކަންސިލް މެންބަރުކަމަށް ވާދަކުރާ ކެންޑިޑޭޓު ބަދީއުއްސަލާމް އާދަމް ބުނީ އެމްޑީޕީ އަދި އަދާލަތުގެ ކައުންސިލެއްގައި ދެ ޖިންސަށް ހުޅުވާލައިގެން 50،000 ރުފިޔާގެ އަގުހުރި އިނާމުތަކާއެކު ވޮލީ މުބާރާތެއްވެސް ބާއްވާނެ ކަމަށެވެ. އެއީ ކެލާގެ ޒުވާންނުންނަށްޓަކާ ކުޅިވަރު ކުރިއެރުވުމުގެ ގޮތުން ކުރާ ކަންކަން ކަމަށާއި އެ މުބާރާތް ކޮންމެ އަހަރަކު ބާއްވާނެ ކަމަށެވެ.

ބަދީއުއްސަލާމް ބުނީ ކެލާގައި ހިންގާ މަޝްއޫތައް ސީދާ ގުޅިފައި ވަނީ ކެލާގެ ޒުވާންނާ ކަމަށާއި ކެލާ ރިސޯޓާއި ގެސްޓުހައުސްތައްކުގެ ވިޔަފާރި ކެލާގެ ހުރިހާ ފަންނެއްގެ ހުރިހާ ގިންތިއަކާ ގުޅިލާމެހިފައިވާ ކަމަށެވެ.

އޭގެ އިތުރުން ގޭގައި ތިބެގެން ފަންގެވިންނަ ފަރާތްތަކުން ފެށިގެން ދަނޑުވެރިކަމާއި ތަފާތު ވިޔަފާރިތައް ގުޅިފައިވާ ކަމަށްވެސް އޭނާ ބުނެއެވެ. އަދި އެއީ ކެލާގެ "ސަރުކާރު ކެނޑިޑޭޓުންނަން" ވޯޓު ދޭންވީ ސަބަބުތައް ކަމަށް އޭނާ ފަހަގަކުރިއެވެ.