މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުން ގެންދަވާ ޑރ. މުހައްމަދު މުއިއްޒު އަށް މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީއު (ޔޫސޭ) ތާއީދުކުރާ ކަމަށާއި އަދި މުއިއްޒު އަކީ "އެންމެ ރަނގަޅު" ކެންޑިޑޭޓްގެ ކަމަށް ބުނެފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ޕީޕީއެމްގެ ފަރާތުން ވާދަ ކުރައްވާ މުއިއްޒު އަށް ޔޫސޭ ތާއިދު ކުރާ ސަބަބު ރޭ ވަނީ ހާމަކޮށްފެއެވެ. މުއިއްޒުގެ ކެމްޕޭން ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ "ރައްޔިތުންގެ އެދޭ އަމާޒަށް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޔޫސޭ ބުނީ މުއިއްޒު އަކީ "ބެސްޓް" ކެންޑިޑޭޓް ކަމަށެވެ.

މޭޔަރު ކަމުގެ މަގާމަށް މުއިއްޒު އަކީ އެންމެ އެކަށީގެންވާ ކެންޑިޑޭޓްކަން ހާމަ ކުރަމުން ޔޫސޭ ބުނީ، ތަރައްގީ ގެނައުމަށް އެންމެ ގާބިލު ބޭފުޅަކީ މުއިއްޒު ކަމަށެވެ. އެއީ އެ ކަމާ ގުޅުން ހުރި ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާ އަދި މަސައްކަތުގެ ތަޖުރިބާ ވެސް ހުންނެވި ބޭފުޅަކަށް ވާތީ ކަމަށެވެ. އަހުލާގީ ގޮތުންނާއި ދީނީ ގޮތުން ބެލި ކަމުގައި ވިޔަސް މުއިއްޒު އަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށް ޔޫސޭ ބުނެއެވެ.

މުއިއްޒު ކުރެއްވި މަސައްކަތް އެ ހުރީ ފެންނަން ކަން ހާމަ ކުރަމުން ޔޫސޭ ބުނީ، ހުޅުމާލެއަށް ބަލާލިއަސް ބްރިޖަށް އެރިޔަސް އަދި މާލޭގެ މަގުތަކަށާއި ތަރައްގީ ގެންނެވި އެތައް ކަމެއް އެ ހުރީ ފެންނަން ކަމަށެވެ. އަދި ތަރައްގީގެ މި މަސައްކަތްތައް ކުރި އިރު އެ މަސައްކަތްތަކަކީ މުއިއްޒު ވަރަށް ގާތުން ބައްލަވަމުން ދިޔަ ކަންކަން ކަމަށް ޔޫސޭ ބުނެއެވެ.

"ނުފެންނަނީތޯ؟ ނުފެންނނީތޯ ބަޔަކަށް. ވެފަ ހުރި ތަރައްގީތައް ނުފެންނަނީ ތޯ؟ މާލެ ރީތި ވިތަން ނުފެނޭ ތޯ ބަޔަަކަށް؟ ރީތިވި ތަން ބަލަން ބޭނުން ނުވާ ބަޔަކަށް ފަހަރެއްގައި ވަރަށް ދަތި ކަމަކަށް ވެދާނެ އެ ކުރެއްވި މަސައްކަތް ދެކެން."
ޔޫސުފް ރަފީއު

މުއިއްޒުއަށް ޔޫސޭގެ ހިތުގައި ދެވިފައިވާ ލޯބާއި ގަދަރު ދުވަހަކު ވެސް ހަނދާން ނައްތާ ނުލެވޭނެ ކަމަށް ޔޫސޭ ބުނެއެވެ. ޔޫސޭ ބުނީ އޭނާ ކުރަމުން ދިޔަ މަސައްކަތުގައި ޑރ. މުއިއްޒު ދެއްވި އެއްބާރު ލުމަކީ ހަނދާން ނައްތާލެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ކަމުގެ އިތުރުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރެއްވި މުއިއްޒަކީ ރާއްޖެއަށް އެތައް ތަރައްގީއެއް ގެނެސް ދިނުމުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިރު ކޮވިޑްގެ މި ދަތި ހާލަތުގައި ވެސް މުއިއްޒު އަންނަނީ ރައްޔިތުން ހާލު ބައްލަވަމުން ދޮރުން ދޮރުން ކެމްޕޭން ކުރައްވަމުންނެވެ. ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންނަށް ދިމާވާ ދަތިތަކާއި އެމީހުންގެ ޝުއޫރުތައް އަޑުއައްސަވަމުންނެވެ.

އިންތިހާބުގައި މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒު ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ކުރިއެރުމަށް ހުރަސް ނާޅުއްވާނެ ކަމަށާއި ރައްޔިތުންގެ ދަތިތައް ހައްލު ކޮށްދިނުމަށް، ޓަކި ނުޖައްސަވާ ދޮރެއް ނުބަހައްޓަވާނެ ކަމަށެވެ. އަދި ކޮންމެ ޕާޓީއަކަށް ނިސްބަތް ވިޔަސް ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ރައްޔިތުންގެ މައްސަލަތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

ޑރ. މުއިއްޒުގެ އިތުރުން މޭޔަރު ކަމަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އާއި އަމިއްލަ ގޮތުން ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ އެވެ.