ކޮވިޑް-19 އަށް ޕޮޒިޓިވް ވެ އައިސޮލޭޝަނުގައި ނުވަތަ ބައްޔަށް ހުށަހެޅި ކަރަންޓީނުގައި ތިބި ފަރާތްތަކަށް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދެވޭނީ އޮފިޝަލެއްގެ އެހީތެރިކަމާއެކު ކަމަށް ކަނޑައަޅައިފިއެވެ.

މިހެން ކަނޑައަޅާފައި ވަނީ މިއަދު އިލެކްޝަން ކޮމިޝަނުން ގެޒެޓް ކުރި، "ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޝަނުގައި ތިބޭ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު" ގައެވެ. އެ އުސޫލުގައި ވާ ގޮތުން، އައިސޮލޭޝަނުގައި ނުވަތަ ކަރަންޓީނުގައި ތިބި މީހުން ވޯޓު ލުމުގެ ކަންކަން ކުރިއަށް ގެންދަން ވާނީ އެމީހަކު ރަޖިސްޓްރީ ވެފައިވާ ދާއިރާގެ ފޮޓަށް ވޯޓުލާން ގޮސް ތިބި މީހުން، ވޯޓު ލާ ނިމުމުންނެވެ.

އަދި އެގޮތަށް ވޯޓު ދެވޭނީ، ވޯޓުލާ ގަޑިގެ 5 ގަޑިއިރު ކުރިން އެޗްޕީއޭގެ ރަށު ޓާސްކްފޯސް މެދުވެރިކޮށް އީސީގެ ފޯކަލް ޕޮއިންޓަށް އެންގުމުންނެވެ. މި މައުލޫމާތު އީސީގެ ފޯކަލް ޕޮއިންޓަށް އަންގާނީ މާލޭގައި ހުންނަ އިލެކްޝަން ކޯޑިނޭޝަން ސެންޓަރު މެދުވެރިކޮށް އެޗްޕީއޭއިންނެވެ.

އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބި މީހުން ވޯޓުލާން ހާއްސަ ކޮށްފައިވާ ގަޑިއަކީ ހަވީރު 5:00 އިން 6:00 އެވެ. އެފަދަ މީހުންނަށް ވޯޓުލާން އޮފިޝަލަކު އެހީތެރިވާން ޖެހޭއިރު، ވޯޓުލާ މީހާގެ އިރުޝާދާ އެއްގޮތަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހާ، ވޯޓު ކަރުދާސް ފޮށްޓަށް ލާނީ އޮފިޝަލެވެ. އައިސޮލޭޝަން އަދި ކަރަންޓީނުގައި ތިބި މީހުން އެހެން އޮފިޝަލުންނާއި 6 ފޫޓު ދުރުގައި ބައިތިއްބައިގެން، އެމީހުންގެ ވޯޓު ލުމާއި އިނގިލީގެ ފާހަގަ ޖެހުން އަދި ސެނިޓައިޒް ކަންކަން ކުރާ އެކަމަށް ހާއްސަ ކޮށްފައިވާ އޮފިޝަލެކެވެ.