ކުރިއަށް އޮތް ބަރަކާތްތެރި ރޯދަ މަހަށް ތައްޔާރު ވުމުގެ ގޮތުން، މާތްވެގެންވާ ގެފުޅާއި ގެފުޅު ވަށައިގެންވާ ސަރަހައްދު މަރާމާތުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.

މާތްވެގެންވާ 2 މިސްކިތުގެ ބެލެހެއްޓުންތެރި އިދާރާއިން މައުލޫމާތު ދޭ ގޮތުގައި، 5 ދުވަހުގެ މުއްދަތަށް މި މަސައްކަތް ކުރިއަށް ދާނެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ކޮލިޓީ މޮނިޓަރާ، ސިއްހީ ސްޕެޝަލިސްޓެއްގެ އިތުރުން، 14 ޓެކްނީޝަނުންގެ ޓީމަކުން ކަމަށް މައުލޫމާތު ލިބެއެވެ.

ކުރިއަށް އޮތް ރޯދަ މަހު، މާތްވެގެންވާ 2 މިސްކިތަށް ޒިޔާރަތް ކުރާ ފަރާތްތަކުން އަމިއްލަ ނަފްސާ އަނެކުންގެ ސަލާމަތަށްޓަކައި ކޮވިޑް-19ގެ ވެކްސިން ޖެހުމަށް، ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މާތްވެގެންވާ ގެފުޅާއި ވަށައިގެންވާ ސަރަހައްދު މަރާމަތު ކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ހަރަމައިންއިންފޯ

މާތްވެގެންވާ 2 މިސްކިތުގެ ބެލެހެއްޓުންތެރި އިދާރާގެ އިސްވެރިޔާގެ މަގާމުގައި ހުންނެވި ޝައިހް ޢަބްދުއްރަޙްމާން އަލް-ސުދައިސް ވަނީ، ޢުމްރާވެރިން ބަލައިގަތުމާ ގުޅޭ ކަންކަން ކުރިއަށް ދާނީ، ސިއްހީ އަދި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ އެންމެ ހަރުކަށި މިންގަނޑުގެ ތެރެއިން ކަމަށް ވިދާޅުވެފައެވެ.

މާތްވެގެންވާ މަސްޖިދުލް ޙަރަމްގައި 5 ސަރަހައްދެއްގައި ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމަށާ، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ވަކި ސަރަހައްދެއް އޮންނާނެ ކަމަށް ސައުދީއިން ބުނެއެވެ. އަދި ފުރަތަމަ ފަންގިފިލާގައި، ތޮވާފު ކުރުމުގެ ފުރުސަތު، މުޅި ރޯދަ މަހުވެސް، ޢުމްރާ ވެރިންނަށް ލިބޭނެ ކަމަށް ސައުދީއިން ބުނެއެވެ.