ކޮވިޑް-19 ގެ ސަބަބުން މޮނީޓަރިންގެ ހާލަތުގައި އޮތް ކ. ދިއްފުށި އަދި ހުރައަށް ތުލުސްދޫ ރައްޔިތުންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ތުލުސްދޫ ކައުންސިލުންގެ ރައީސް އަހުމަދު އަނީސް ވިދާޅުވީ ހަދިޔާ ކުރި ތަކެތީގެ ތެރޭގައި ބޯފެނާއި ކާޑުގެ ބާވަތްތަކާއި ބިސްކޯދާއި މަސްދަޅު ކޭސް ފަދަ ކާބޯތަކެތީގެ ބާވަތްތައް ހިމެނޭ ކަމަށެވެ.

އެ ތަކެއްޗަކީ ތުލުސްދޫ ރައްޔިތުންގެ ފަރާތުންނާއި ހެޔޮއެދޭ ފަރާތްތަކުންނާއި ރަށުގެ އެކި މުއައްސަސާތަކުން އަދި ކައުންސިލުގެ ހަރަދުގައި ހޯދި ބައެއް ތަކެތި ކަމަށް އަނީސް ވިދާޅުވިއެވެ.

އަނީސް ވިދާޅުވީ އެތަކެތި އެރަށްތަކަށް ފޯރުކޮށްދީފައި ވަނީ ތުލުސްދޫ ފެރީގައި ކަމަށެވެ.

ތުލުސްދޫ ރައްޔިތުންގެ ފަރާތުން ދިއްފުށި އަދި ހުރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން / ފޮޓޯ: ތުލުސްދޫ ކައުންސިލް

ތުލުސްދޫ އޮންނަނީ ދިއްފުށްޓާއި ހުރައާ ދެމެދުގައި ކަމުން، އެ ދެރަށަކީ ތުލުސްދޫގެ ރައްޔިތުންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ރަށް ކަން އަނީސް ވަނީ ފާހަގަ ކުރައްވާފައެވެ

ދިއްފުށި މޮނިޓަރިންގެ ހާލަތަށް ލާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު އެރަށުން ރ. އުނގޫފާރަށް ދިޔަ 2 މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެންނެވެ. އަދި ހުރާ މޮނިޓަރިން ހާލަތަށް ލާފައިވަނީ މިދިޔަ މަހު އެރަށުން ބޭސްފަރުވާއަށް މާލެއައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ދިއްފުށިން މިހާތަނަށް 80 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ހުރައިން 113 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވް ވެފައެވެ.