މާލެ އަތޮޅު ތުލުސްދޫއިންވެސް 2 މީހުން ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިވެފައި ވަނީ ބިދެސީ 2 މީހުންނެވެ. އެ ދެމީހުން ޕޮޒިޓިވް ކަން އެނގިފައިވަނީ، މާލެއިން ފެނުނު ތުލުސްދޫއާ ގުޅުން ހުރި 2 ކޭސްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިންނެވެ.

ތުލުސްދޫއިން ޕޮޒިޓިވް ވި 2 ބިދޭސީން ކައި ބޮއެ ހަދަނީ ދިވެހިން ތިބޭ ގެއަކުން ކަމަށާއި އެމީހުންނާ ބައްދަލުވި މީހުން ދެނެގަތުމަށް އެޗްޕީއޭއިން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ރަށު މީހަކު މައުލުމާތު ދެއެވެ. އެގޮތުން އެމީހުންނާ ގާތުން ބައްދަލުވެފައިވާ ދިވެއްސެއްގެ ގައިން މިހާރުވެސް ބަލީގެ އަލާމަތް ފެންނަމުންދާ ކަމަށް ބުނެއެވެ.

މީގެ އިތުރުން އެމީހުން އަދިވެސް ތިބީ އައިސޮލޭޝަން ފެސިލިޓީއަކަށް ނުގެންގޮސް ކަމަށް ވެސް އެ ރަށު މީހަކު ބުނެއެވެ.

މި މަހުގެ 15 ވަނަ ދުވަހު މާލޭގައި ކޮވިޑް ފެތުރެމުން ދާތީ ވަނީ ލޮކްޑައުން ކޮށްފައެވެ. ނަމަވެސް އެ ދުވަހު މާލެއިން ފުރައިގެން ލޮކްޑައުން ކުރުމުގެ ކުރިން ރަށްރަށަށް މީހުން ގޮސްފައި ވާތީ މާލެއިން ފެނުނު ބައެއް ކޭސްތަކާ ގުޅުން ހުރި މީހުން ދިޔަ ރަށްރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ. ހަމައެއާއެކު މާލެއިން ފެނުނު ކޭސްތައް ވޭތުވެދިޔަ 14 ދުވަސްތެރޭ ގޮސްފައިވާ ރަށްރަށްވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

މި މަހުގެ 15 ވަނަ ދުވަހު މާލެއަށް އައި، ތުލުސްދޫގެ ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރި ދިވެއްސަކާއި ބިދޭސީއެއް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އެމީހުން ޕޮޒިޓިވް ވި ކަން އެނގިފައި ވަނީ މި މަހުގެ 21 ވަަނ ދުވަހުއެވެ. އެހަން ކަމުން ތުލުސްދޫއިން ވަނީ ކޮންޓެކްޓް ޓްރޭސިން ހަދައި ގިނަ އަދަދެއްގެ މީހުންގެ ގައިން ސާމްޕަލް ވެސް ނަގާފައެވެ. އެގޮތުން މިއަދު ޕޮޒިޓިވް ވި ދެމީހުންނަކީ ސާމްޕަލް ނެގުނު މީހުންގެ ތެރެއިން 2 މީހެކެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ލޮކްޑައުން އުވާލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބެކްލޮގް ކްލިއާ ވެގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ރަށްރަށަށް ވެސް މި ބަލި ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު ކޮވިޑްއަށް ޕޮޒިޓިވްވާ މީހުން ފެނަނމުން ދާ އަދަދު ދަނީ ދުވަހެއް ދުވަހެއް އިތުރު ވަމުންނެވެ. އެގޮތުން އިއްޔެއަކީ މިބައްޔަށް ޕޮޒިޓިވްވި އެންމެ ގިނަ މީހުން ފެނުނު ދުވަހެވެ. ޖުމްލަ 73 ކޭސް އިއްޔެ ފެނިފައިވާ އިރު މިހާރު ޖުމްލަ ޕޮޒިޓިވް ކޭސްގެ އަދަދު ވަނީ 214 އަށް އަރާފައެވެ.