ސ. މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ މިއަދު ސ. މީދޫގައި ބޭއްވި މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ސ. މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމްއާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޝިފާޒު އަލީއާއި ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އޭގެ އިތުރުން، ހިތަދޫ މެދު ދާއިރާގެ މެންބަރާއި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރާއި، ހިތަދޫ އުތުރު ދާއިރާގެ މެންބަރާއި، ހުޅުދޫ ދާއިރާގެ މެންބަރާއި، އައްޑޫ ސިޓީގެ މޭޔާއާއި، އެމްޕީއެލްގެ ސީއީއޯ ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން، 848,1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި، 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީާ ހަވާލުކުރި އެމަޝްރޫއަކީ 80.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުނީ މާޗް 25، 2021 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ.