ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމްޓީސީސީން ބުނީ މިއަދު ހުޅުމީދޫގައި ބޭއްވި އެ ރަސްމިއްޔާތުގައި ހުޅުދޫ ދާއިރާގެ މަޖިލިސް މެމްބަރު އިލްޔާސްލަބީބާއި، މީދޫ ދާއިރާގެ މަޖިލީސް މެމްބަރު ރޮޒޭނާ އާދަމްއާއި، މިފްކޯގެ މެނޭޖިން ޑިރެކްޓާ އިސްމާއިލް ފައުޒީއާއި ސީއީއޯ އާދަމް އާޒިމް އަދި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އޭގެ އިތުރުން، ހިތަދޫ މެދު ދާއިރާގެ މެމްބަރާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޝިފާޒު އަލީ އާއި އައްޑޫ ސިޓީގެ މޭޔާ އއަދި އެމްޕީއެލްގެ ސީއީއޯ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ..

މި މަސައްކަތުގެ ދަށުން، 380,471 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 788,1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 97 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން، އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކުރި އެ މަސައްކަތަކީ 80.68 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.