ކޮވިޑް ހާލަތުގައި ރާއްޖެއަށް ހޯދުމަށް ފައިސާ ދައްކައި އަދި ނުލިބުނު ވެންޓިލޭޓަރު މައްސަލައިގައި އެ ފައިސާ ހޯދުމަށް މިހާރު ސަރުކާރުގެ ފަރާތުން އާބިޓްރޭޝަނަކަށް ދާން ތައްޔާރުވަމުންދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
މިހާރު ރައީސް އޮފީހުގައި ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އެކި އެކި މުއްދަތުތައް ދީގެން ވެސް އެ މަސައްކަތުން އެއްވެސް ނަތީޖާއެއް ނުލިބޭ ކަމަށެވެ. އަދި ވެންޓިލޭޓަރުތައް ހޯދުމަށް ވެސް އެކި ޓައިމް ލައިންތައް ދީ އެ މުއްދަތުތައް ފަހަނާ އަޅައިގެން ގޮސްފައިވުމާ އެކު މިހާރު މި މައްސަލައިގައި އާބިޓްރޭޝަންއަކަށް ދިއުމަށް ދިވެހި ސަރުކާރުން ދިއުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ދަނީ ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
އަދި މިކަން ކުރަންވީ ގޮތް އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި އަދި މިކަން ކުރެވޭނީ ޔުނައިޓެޑް ނޭޝަންސް ކޮމިޝަން ނުވަތަ އިންޓަނޭޝަނަލް ޓްރޭޑް ލޯ އާ އެއްގޮތުގެ މަތިން ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެ އިންޓަނޭޝަނަލް އާބިޓްރޭޝަން ހިންގާނީ ދިވެހިރާއްޖޭގައި ކަމަށާ އާބިޓްރޭޓާއެއްގެ ރޯލު އަދާ ކުރާނީ ބައިނަލްއަޤްވާމީ ފަރާތެއް ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ވެންޓިލޭޓަރުތައް ގަންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސްް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލަ ޕީޖީ އަށް ފޮނުވުމުން ޕީޖީން ފުރަތަމަ ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެއްކެއް ނެތް ކަމަށެވެ. އެހެންކަމުން އޭސީސީން ވަނީ އެ ނިންމުން މުރާޖައާ ކުރުމަށް ޕީޖީގައި އެދިފައެވެ. ނަމަވެސް އަނެއްކާ ވެސް ޕީޖީން ވަނީ އެ މައްސަލައިގެ ޕީޖީގެ ކުރީގެ ނިންމުން ބަދަލު ކުރަންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަކީ، ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން އެޑްވާންސްކޮށް ފައިސާ ދޫކުރި ހަމައެކަނި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 90 ޕަސެންޓަށްވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކާފައެވެ.