ބަޔަކު މީހުން ވެގެން، ރ. އަތޮޅުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމަށް ބުނެ އާއިލާއިން ތުހުމަތު ކުރާ މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީ ބަލަން ނިންމާ ފުލުހާއި ޖެންޑާ މިނިސްޓްރީގެ އިސްވެރިން މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ.

އެ މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ކޮމިޓީގެ މުގައްރިރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކާ ގުޅިގެން އެކަމުގައި، އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއްވެސް ހޯދަން ޖެހޭ ކަމަށެވެ.

ރޭޕްގެ މިމައްސަލައާއި ގުޅިގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ތަހުގީގުގައި ހިމެނޭ މެޑިކަލް ޓީމުވެސް ކޮމިޓީއަށް ހާޒިރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމަހު މަހުގެ ފުރަތަމަ ހަފްތާގައި ހިންގި އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިމަހު 11 ވަނަ ދުވަހެވެ.

މިހާތަނަށް އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން ބަޔާނުގައި ހާމަ އެއް ނުކުރެއެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ނުކުރާތީވެ، އެކަމާ ގުޅިގެން އެރަށުގައި ދަނީ މުޒާހަރާ ވެސް ކުރަމުންނެވެ. އެ މުޒާހަރާތަކުގެ ތެރެއިން އެރަށު ފުލުހުންގެ މަރުކަޒަށް ވެސް ވަނީ ގެއްލުން ދީފައެވެ. ގެއްލުން ދިން މައްސަލާގައި 10 މީހަކު ވަނީ ހައްޔަރު ވެސް ކޮށްފައެވެ.

އެ އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް އާއިލާއިން ތުހުމަތު ކުރަނީ އެރަަށު ސްކޫލްގެ ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު މީހަކަށެވެ.