ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ މިނިވަން ތަހުގީގު ޕެނަލުން އެކުލަވާލި ރިޕޯޓަށް، އެމެރިކާއާއެކު ބައިނަލްއަގުވާމީ 13 ބައިވެރިއަކު، ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށްފިއެވެ.

ދެކުނު ކޮރެއާ، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތްވެސް ހިމެނޭހެން ޑަބްލިއުއެޗްއާ ގުޅިގެން ކަންބޮޑުވުން ފާޅު ކޮށްފައި ވާއިރު، ކަމާ ގުޅޭ ތަހުގީގު ހިންގުމަށް، ދާއިރާގެ ތަޖުރިބާކާރުންނަށް އެންމެ ފުރިހަމަ "އެކްސެސް" ދިނުމަށްވެސް ޗައިނާއަށް ވަނީ ގޮވާލާފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަހަކީ ލެބަކުން ލީކުވި ވައިރަހެއް ކަމަށް ކުރަމުންދާ ބަހުސަށް ރައްދު ދެއްވަމުން، ޑަބްލިއުއެޗްއޯގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސް ވިދާޅުވީ، މިކަން މިހެން ނުހިނގާ ކަން ކަށަވަރު ކުރުމަށް، އަދިވެސް އިތުރު ތަހުގީގުތަކެއް ހިންގަން ޖެހޭ ކަމަށެވެ.

ލެބަކުން ލީކުވުމަށް ބުނާ ބުނުމަކީ ވުން އެންމެ ނާދިރު ގޮތް ކަމުގައި ވީ ނަމަވެސް، އެ ނަޒަރިއްޔާ މުޅިން ބާތިލު ކުރުމަށް އިތުރު ދިރާސާ ކުރަން ޖެހޭ ކަމަށް ޑރ ޓެޑްރޯޒް ވިދާޅުވިއެވެ.

އަންގާރަ ދުވަހު އާންމު ކުރި ރިޕޯޓްގައި ވާ ވާހަކަތަކަށް ބަލާއިރު ލެބަކުން ވައިރަސް ލީކުވި ކަމަށް ބުނާ ބުނުމަކީ އެންމެ ނާދިރު ބުނުމެވެ. އަދި ކޮވިޑް-19 ޖައްސާ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ވާރުތަވީ، ވާލުގެ ޒަރިއްޔާއިން އެހެން ޖަނަވާރެއް މެދުވެރި ކޮށް ކަމަށް ވުން ގާތް ކަމަށް ބަޔާން ކޮށްފައި ވެއެވެ. ނަމަވެސް، އެއީ ކޮން ޖަނަވާރެއް ކަން އަދި ދެނެގަނެވިފައެއް ނުވެއެވެ.

ޑަބްލިއުއެޗްއޯގެ ބަޔާނަށް، ޗައިނާއިން އަދި ރައްދެއް ދީފައެއް ނުވެއެވެ.