ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ އެރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު، 17، މަރާލި މައްސަލައިގައި ދައުވާ ކުރަން ފޮނުވި މީހުންގެ މައްޗަށް ދައުވާ ކުރަން ޖުވެނައިލް ކޯޓަށާއި، ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު، ގއ. މާމެންދޫގައި، އުމުރުން 17 އަހަރުގެ ދެކުދިންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށް ލިބި، އެ އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭގެތެރެއިން ކުއްޖަކު ނިޔާވެފައިވާ މައްސަލާގައި ދައުވާތައް ކުރުމަށް މި މަހުގެ 22 ވަނަ ދުވަހު ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

އެގެ ތެރޭގައި ހިމެނެނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަހުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝިދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށް ކުރާ 2 ދައުވާ އެކެވެ.

1. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާއި (ށ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދައުވާ

2. ގާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާއި، (ނ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ

އެ ދައުވާތައް ހުށްހަޅާފައި ވަނީ ކްރިމިނަލް ކޯޓަށެވެ.

18 އަހަރުން ދަށުގެ ކުއްޖަކު އެ މާރާމަރާީގައި ހިމެނޭއިރު އޭނާގެ މައްޗަށްވެސް 2 ދައުވާއެއް ކޯށްފައި ވެއެވެ.

1. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދަގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ

2. ގާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ

އެ ދައުވާތައް ހުށްހަޅާފައި ވަނީ ޖުވެނިއަލް ކޯޓަށެވެ.

މިދިޔަ މަހު މާމެންދޫގައި ހިނގި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެކެވެ. އެ މާރާމާރީގައި މަރާލި އުދައްޔުގެ ހަށިގަނޑު މިދިޔަ މަހު 15ގައި ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށްފަހު 18ވަނަ ދުވަހު ވަނީ އަނބުރާ ރާއްޖެއަށް ގެނެސްފައެވެ.

އެ މާރާމާރީގައި އުދައްޔުގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަނީ އަނިޔާ ލިބިފައެވެ.