2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާއިން އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ވައިރަސް، އިންސާނުންނާ ހިސާބަށް ފޯރީ ވާލުގެ ޒަރިއްޔާއިން އެހެން ޖަނަވާރެއް މެދުވެރިކޮށް ކަމަށް ވުން އިންތިހާއަށް ގާތް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ތަހުގީގު ޓީމުގެ ދިރާސާ ރިޕޯޓް ބުނެފިއެވެ.
ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ޖެހެން މެދުވެރިވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އަސްލު ދެނެގަތުމަށް ބައިނަލްއަގުވާމީ ތަހުގީގު ޓީމުން ޗައިނާގެ ވޫހާންގައި ހިންގި ތަހްގީގު ރިޕޯޓަށް ބަލާއިރު، މި ވައިރަހަކީ ވޫހާންގެ ލެބަކުން ލީކުވި ވައިރަހެއް ކަމަށް ކުރަމުން ދިޔަ ދައުވާ މިވަނީ ބާތިލު ވެފައެވެ.
ޑަބްލިއުއެޗްއޯގެ ތަހުގީގު ނިންމާލިތާ މަހެއް ވީއިރުވެސް ރަސްމީ ސިފައެއްގައި ރިޕޯޓް އާންމު ކޮށްފައި ނުވާއިރު، ބައިނަލްއަގުވާމީ މީޑިއާއަށް ހަބަރު ތިލަވީ، ބައިނަލްއަގުވާމީ ފެންވަރުގައި ހަބަރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އޭޕީއާއި އޭއެފްޕީ ނިއުސްއަށް ލިބިފައިވާ ރިޕޯޓްގެ، ޑްރާފްޓަކާ ހަވާލާދީއެވެ.
ރިޕޯޓްގައި ވާ ވާހަކަތަކަށް ބަލާއިރު، އިންސާނުންނަށް ވައިރަސް ފޯރީ ވާލުގެ ޒަރިއްޔާއިން ކަމަށް ކުރާ ބަހުސަކީ ހަގީގަތް ކަމުގައި ވުން ގާތް ކަމަށް ބުނާއިރު، ވައިރަސް ލީކުވީ ލެބުގައި ހިނގި ކަމަކުން ކަމަށް ކުރާ ދައުވާ އަކީ ހަގީގަތަކަށް ވުން ދުރު ކަމެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ.
ޗައިނާގެ ސައެންސްވެރިންނާއި ޑަބްލިއުއެޗްއޯގެ ސައެންސްވެރިންވެސް ވަނީ ކޮވިޑް-19 ޖައްސާ ވައިރަހުގެ އަސްލާ ބެހޭ ގޮތުން ކަނޑައެޅިގެން ވަކި ނިންމުމެއް ނުނިންމޭ ކަން ހާމަކޮށްފައެވެ. އެންމެ ފަހުން އާންމު ކުރި ބަޔާނަށް ބަލާއިރު، ސާސްކޮވް-2 އިންސާނުންނަށް ފޯރީ ވާލުގެ ޒަރިއްޔާއިން ކަމަށް ބުނެއެވެ. އަދި އެންމެ ފަހުގެ ރިޕޯޓްގައި މިއީ ވުން ގާތް ކަމެއް ކަމަށް ބުނެފައިވެއެވެ.
ވާލަށް ބަލާއިރު ކޮރޯނާވައިރަހާ އެންމެ ގާތް ކުރާ ވައިރަހެއް ފެނުމާ ދެމެދު 10 އަހަރުގެ ފަރަގެއް އުޅޭ ކަމަށް ބުނާއިރު، ވާލާއި އިންސާނުންނާ ދެމެދު 3 ވަނަ މަހްލޫގެއް ވާ ކަމަށް ރިޕޯޓް ބާރުދެއެވެ.
ވާލުގެ ޒަރިއްޔާއިން އިންސާނުންނަށް ކޮވިޑް-19 ފޯރުމުގައި 3 ވަނަ މަހުލޫގެއް އުޅޭ ކަމަށް ސައެންސްވެރިން ބުރަވާއިރު، އެއީ ކަނޑައެޅިގެން ކޮން ޖަނަވާރެއް ކަމެއް ހޯދިފައެއް ނުވެއެވެ.
ކަން މިހެން އޮތް އިރު، ގަނޑުކޮށްފައިވާ ކާބޯތަކެތީގެ ޒަރިއްޔާއިން ވައިރަސް ފެތުރުނު ކަމަށް ބުނުން، މި ރިޕޯޓްގައި ނަފީކޮށްފައެއް ނުވެއެވެ. ގަނޑުކޮށްގެން އިންތިހާ ފިނިމިނުގައި ވިއްކާ ކާބޯތަކެތީގެ ޒަރިއްޔާއިން ވައިރަސް ފެތުރުނު ކަމަށް ބުނާ ބުނުމަކީ، ޗައިނާއިންވެސް ތާއީދު ކުރާ ނަޒަރިއްޔާއެކެވެ.