ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސީޔާސީ ނުފޫޒު ވަދެގެން ނުވާނެ ކަމަށާއި އެހެން އެކަން ހިނގައިފި ނަމަ ލިބާސް ވީދިގެން ނުކުންނަން ޖެހޭނީ "އޮރިޔާން" ހާލުގައި ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިފަދައިން ވިދާޅުވީ މިއަދު ވެންޓިލޭޓަރު މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝިރީފް އުމަރު ހުށަހެއްޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. ޖާބިރު ވިދާޅުވީ، ތިން ބާރަކީ ވަކިވެފައި އޮންނަޖެހޭ އެއްޗެއް ކަމަށެވެ. އެކަން ގާނޫނު އަސާސީގައި "ބަރުތާނައިން" ލިޔެފައިވާ ކަމަށެވެ. އެހެންކަމުން އެ ތިން ބާރަކީ ވަކި ގުނަވަންތަކެއް ކަމަށާއި އެ ގުނަވަންތައް އޮޕަރޭޓް ކުރަން ޖެހޭނީ ވަކި ގޮތަކަށް ކަމަށް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

19 ވަނަ މަޖިލިސް އާއެކު ރާއްޖޭގައި ކަންކަން ކުރަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމާ އެއްގޮތަށް ކަމަށާއި ނަމަވެސް ޖަވާބު ދާރީ ކުރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އަދުލް އިންސާފުގެ ނިޒާމް ގާނޫނު އަސާސީގައި ބުނާ ގޮތަށް ބިނާ ކުރެވިފައި ނުވާ ކަމަށް ޖާބިރު ވިދާޅުވިއެވެ. އެގޮތުން ޖޭއެސްސީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ވަދެގެން ނުވާނެ ކަމަށާއި ދައުވާ ކުރަނީ ބަނޑާރަ ނައިބު ކަމަށް އޭނާ ވިދާޅުވިއެވެ. އެއް ތަނުން ގޯސްތަކެއް ހެދުމަށްފަހު އަނެއް ތަނެއް ރަނގަޅު ކުރަން އުޅުނީމާ ލިބާސް ދާނީ ވީދައިގެން ކަމަށާއި އަދި އެހެން ވެއްޖެ ހާލުގައި ދެން ނުކުންނަން ޖެހޭނީ "އޮރިޔާން" ހަލުގައި ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އެއްތަނުން ގޯސް ހަދާފަ އަނެއްތަން ރަނގަޅު ކުރަން އުޅުނީމާ ލިބާހުން ތަންތަން ވީދައިގެން ދާނީ. އޭރުން އޮރިޔާން ހާލުގައި ނުކުންނާން ޖެހޭނީ."
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޖާބިރުގެ ވާހަކައިގައި މި ސަރުކާރަށް ހެދިފައިވާ ގޯހަކީ ޖޭއެސްސީ ސިޔާސީ ކުރުން ކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެކަން ރަނގަޅު ކުރުމަށް ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އަލުން ގާނޫނު އަސާސީގައި ހުރި ގޮތަށް ކަންތައްތައް އޯޑަރު ކުރަން ފެނިވަޑައިގަންވާ ކަމަށާއި ޖޭއެސްސީގައި ސިޔާސީ އެއްވެސް ބަޔަކު ތިބެގެން ނުވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖޭއެސްސީ ސިޔަސީ ކުރުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންވާ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.

މިހާތަނަށް މަސައްކަތްތައް އައިސްފައިވާ ގޮތަށް ބައްލަވާލައްވަމުން ޖާބިރު ވިދާޅުވީ، ކައްޗަށް އެޅި ބިންގާ ކެއްޗާ ހަމައަށް ދިޔަޔަސް ދާނީ ކައްޗަށް ކަމަށާއި އެއީ ދިވެހި ހަރު ބަހެއްގައި ބުނާ އެއްޗެއް ކަމަށާއި ރާއްޖޭގެ ރައްޔިތުން އެހެން ބުނަމުން އަންނަ ކަމަށެވެ.