ހިތުގެ ބައްޔަކީ މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު އެއް ގާތިލެވެ. ތަރައްގީ ވެފައިވާ ގައުމުތަކަށް ބަލާއިރު، ކޮންމެ 5 މީހަކުން އެކަކީ، އެމީހެއްގެ އުމުރުގައި ހިތް ފެއިލްވުމުގެ ނުރައްކަލާ ކުރިމަތިލާން ޖެހޭ މީހެކެވެ.

ބައެއް ހާލަތްތަކުގައި މިކަމަށް އޮތް ހަމައެކަނި ފަރުވާއަކީ ހިތް ބަދަލު ކުރުމެވެ. ނުވަތަ ޓްރާންސްޕްލާންޓް ކުރުމެވެ. ނަމަވެސް، ހިތް ޑޮނޭޓް ކުރާ މިންވަރަށް ވުރެ، ފެއިލްވާ ހިތުގެ އަދަދު އިތުރުވުމުން، ހިތެއް ލިބޭތޯ، ވެއިޓް ލިސްޓުގައި އެތައް އަހަރެއް ހޭދަ ކުރަން ޖެހޭ ޕޭޝަންޓުން އެބަތިއްބެވެ.

ހިތެއްގެ އިންތިޒާރުގައި ތިބި މީހުންނަށް އުއްމީދު ގެނުވި އެއް ބަޔަކީ، ފަރަންސޭރި ކުންފުންޏެއް ކަމަށްވާ ކާމަޓެވެ. އެ ކުންފުނިން އުފެއްދީ މަސްނޫއީ ހިތެކެވެ. އެއީ ޑޯނަރެއްގެ ފަރާތުން ހިތެއް ލިބެންދެން ބޭނުން ކުރެވޭނެ ހިތެއް ކަމަށްވެއެވެ.

އިންސާނުންގެ ހިތުގެ ބައްޓަމަށް އުފައްދާފައިވާ މަސްނޫއީ ހިތުގެ ބަރުދަނުގައި 4 ކިލޯގްރާމް ހުރެއެވެ. ހިތަށް ބާރު ދެނީ 2 ބެޓެރީ ޕެކަކުންނެވެ. ކަރަންޓަށް ގުޅަން ޖެހުމުގެ ކުރިން، ގާތްގަނޑަކަށް 4 ވަރަކަށް ގަޑިއިރަށް ޗާޖު ހިފަހައްޓައެވެ.

މި ހިތް ފަރުމާ ކޮށްފައި ވަނީ، ލޭގެ ޕްރެޝަރު ދެނެގަނެ، އެ ވަގުތަށް އެންމެ އެކަށޭނަ މިންވަރަށް ލޭ ޕަންޕު ކުރާ ފަދަ ގޮތަކަށެވެ. އިންސާނާގެ ހަށިގަނޑުވާ ހިތް މަސައްކަތް ކުރާ ފަދަ އުސޫލަކުންނެވެ.

ފަރަންސޭސިވިލާތުން ތައްޔާރު ކުރި މަސްނޫއީ ހިތުގައި، އިންސާނާގެ ހަށިގަނޑާ ގުޅޭ ބައި ފަރުމާ ކޮށްފައި ވަނީ، އިންސާނުންގެ ހަށިގަޑުން ބަލައިގަންނާނެ ފަދަ ގޮތަކަށެވެ. ސާޖަރީއަކަށް ފަހު މި ޑިވައިސް އިންސާނާގެ ހަށިގަނޑުގައި ހަރުކުރުމުން، މެއިންޓަނަންސްގެ ގޮތުން އިތުރު މަސައްކަތެއް ކުރަން ނުޖެހޭނެ ކަމަށް ވެއެވެ.

ޑިސެންބަރު މަހު ކުރިއަށް ގެންދިޔަ ޓެސްޓުތަކެއްގައި، މިހާތަނަށް 19 މީހަކު ވަނީ މި ހިތް ލައްވާފައެވެ. ކާމަޓްގެ އުއްމީދަކީ، ޖޫން މަސް ނިމޭއިރު، ޖަރުމަނުވިލާތުގައި މި ހިތް ވިއްކަން ބެހެއްޓޭ ވަރު ކުރުމެވެ.