ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ހިޔާ މަޝްރޫއަށް ކުރިމަތިލީ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް ބަލާ ޕޮއިންޓް ދީފައި ވަނީ އެންމެ ފުރިހަމައަށް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކަ ކޮމިޓީން ބުނެފިއެވެ.

މަޖިލީސް ކޮމެޓީން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދީފައިވާ ގޮތް ދިރާސާކޮށް އާންމުކޮށްފައިވާ ރިޕޯޓުގައި ބުނެފައި ވަނީ ހިޔާ މަޝްރޫޢަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފޯމުތައް މުރާޖާކުރުމަށްފަހު ޝަކުވާ ހުށަހެޅުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ ހުރިހާ ޝަކުވާތައް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބަލައި އެ ފަރާތްތަކަށް އެކޮމިޓީން ޖަވާބު ދީފައިވާކަމަށެވެ.

ނަމަވެސް، ކޮމެޓީއަށާއި ސަރުކާރުގެ އިދާރާތަކަށް އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކާއި މައްސަލަތަކަށް ރިއާޔަތްކުރާއިރު، ޝަކުވާ ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކަކަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އެންމެ ފުރިހަމައަށް ޖަވާބު ދީފައިވާކަން ކޮމެޓީއަށް ކަށަވަރު ނުވާކަމަށް އެ ރިޕޯޓުގައި ވެއެވެ.

އެހެންކަމުން ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ފުރިހަމައަށް ވަޒަންކުރުމަށް ހުށަހަޅައިފައިވާ ކަމަށް އެ ކޮމެޓީގެ ރިޕޯޓުގައި ވެއެވެ.

އެ ރިޕޯޓުގައި އެހެން ހާމަ ކޮށްފައި ވާއިރު، ފްލެޓް ކޮމެޓީން މީގެ ކުރިން ވަނީ ޕޮއިންޓް ދިނުމަށް ފްލެޓް ކޮމިޓީއިން އެކުލަވާލާފައިވާ މިންގަނޑު އާންމުކޮށްފައެވެ.