އުތުރުގެ ރަށެއްގައި އުމުރުން 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓް ކުރުމުން އެ ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޖެންޑާ މީނިސްޓްރީން ބުނީ، މި މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށާއި މިހާރު އެ ކުއްޖާ ވަނީ ރައްކާތެރި މާހައުލަކަށް ބަދަލު ކުރެވިފައި ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނާ ގުޅިގެން ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ނޯތް ޕޮލިސް ޑިވިޝަން ( ނ. ރ. ބ. އަދި ޅ) ގައި ހިމެނޭ ރަށެއްގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލަ ވަނީ މިދިޔަ އަންގާރަ ދުވަހު ރިޕޯޓް ކޮށްފައި ކަމަށާއި އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ އެ ކުއްޖާއަށް އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާއާއި ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާ ފަރާތަކީ އެ ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮތް ފަރާތެކެވެ.

13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާއިން ބަލަމުންދާއިރު މި މަހު ކުރީކޮޅު ވަނީ ރ. އަތޮޅުގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ހުށަހަޅާފައެވެ. ރ. އަތޮޅު ކޭސް އާ ގުޅިގެން އާންމުންގެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކަމާބެހޭ މުއައްސަސާތަކަށް އަމާޒުވެފައެވެ. އަދި އެ މައްސަލަ ބެލުމަށް އެދި މަޖިލީހަށް ވެސް ވަނީ މައްސަލައެއް ހުށަހަޅާފައެވެ.