ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ އަލުން ބަލައިގަތުމަށް ހައި ކޯޓުން ނިންމައިފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓުގެ ދޫކޮށްލި މައްސަލަ މީގެކުރިން އިސްތިއުނާފް ކުރަން ހުށަހެޅުމުން ހައިކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. އެއާއެކު އޭރު ޕީޖީ އޮފީހުން ވަނީ ރަޖިސްޓްރާގެ ނިންމެވުން ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކޮށްފައެވެ.

އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދިނުމަށް ނިންމާފައެވެ. އަދި ޕީޖީ އޮފީހުން މިހާރު ވަނީ އެ މައްސަލަ އަލުން ހައިކޯޓަށް ހުށަހަޅާފައެވެ.

އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައި ވަނީ، އޭނާ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން އެތަނުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް ކުރުމާ ގުޅިގެންނެވެ. އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ 9 ވަނަ ދުވަހު ބާއްވާފައިވާ އިރު އޭނާއަށް ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ފުރާ ވަޑައިގެންފައި ވަނީ އެ ދުވަހުގެ ހަވީރު ޓާކިޝް އެއާލައިނުގައި ލަންޑަނަށެވެ.

މި ކަމާ ގުޅިގެން ޕީޖީ ޝަމީމް ވިދާޅުވީ، އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކުރިން ނެރެފައި އަމުރު ކްރިމިނަލް ކޯޓުން ބާތިލް ކުރުމުގެ ކުރިން އޭނާ ފުރާފައިވާ ކަމަށެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ 4 މަސް ދުވަހަށެވެ. އަދި ޖާމިނުވާ ފަރާތެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ.