މެދު ރާއްޖެތެރޭ ރަށެއްގައި ކުޑަ ކުއްޖެ ރޭޕްކުރި ކަމަށް ބުނެ އާއިލާއިން ހުށަހަޅާފައިވާ މައްސަލާގައި ތުހުމަތު ކުރެވޭނެ ހެއްކެއް ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ވަކި މީހެއްގެ މައްޗަށް ތުހުމަތު ކުރެވޭނެ ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.

މި މަހުގެ ތިން ވަނަ ދުވަހު، 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހެވެ.

އެ މައްސަލައިގެ ތުހުމަތު ކުރަނީ އެ ރަށު ޓީޗަރަކާއި ފުލުހެއްގެ އިތުރުން އިތުރު ބަޔަކަށެވެ. އާއިލާ އިން ތުހުމަތު ކުރަނީ އެ ކުއްޖާ ގޭންގަކުން ރޭޕްކޮށްފައިވާ ކަމަށެވެ.

އެ މައްސަަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު އެ މައްސަލާގައި ރޭ އެރަށުގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިމަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ކުއްޖާ މިހާރު ވަނީ ރައްކާތެރި މާހައުލެއްގައި ކަމަށް ޖެންޑާއިން މައުލޫމާތު ދެއެވެ.