ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތު ކުރުމުގެ މަޝްރޫއު ނިންނާ އެތަން މިއަދު އަލުން ހުޅުވައިފިއެވެ.
އެތަން ހުޅުވަން ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ވިދާޅުވީ ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތް ކުރުމަކީ މުޖުތަމައުގެ މައްޗަށް އޮތް ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ.
އަދި މުޖުތަމައުގައި ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ފަދަ ހާލަތެއްގައި ތިބި ކުޑަ ކުދިންނަށް އެ ރައްކާތެރިކަން ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށައި ފިޔަވަތި އަލުން މަރާމާތު ކޮށް ރައްކާތެރި ވެއްޓެއް ގާއިމު ކޮށް ދިނުމަކީ އެ މަގްސަދަށް ވާސިލުވުމަށް ސަރުކާރުން ކުރާ މަސައްތުގެ ބައެއް ކަމަށް މިނިސްތަރު ވަނީ ފާހަގަ ކުރައްވާފައެވެ.
ކުޑަކުދިން ހެދި ބޮޑުވާއިރު އިޖްތިމާއީ ހުނަރު ދަސްކޮށް، ކުޅުމުގެ ތެރެއިން އުނގެނި، ރަނގަޅުވެއްޓެގައި ފުރިހަމަ ތަރުބިއްޔަތެއް ލިބެން ޖެހޭ ކަމަށާއި ސަރުކާރުން މި ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައި ވަނީ ކުޑަކުދިންނަށް ދޭންޖެހޭ ސަމާލުކަމާއި އަޅާލުން ލިބުން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
އެ މަޝްރޫއަށް ހަރަދު ކުރީ އިންޑިއާއިން ދިން 1.9 މިލިއަން ރުފިޔާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފިޔަވަތި މަރާމާތުކޮށް އަލުން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުން ކަމަށްވާ، އާއިޝަތު ރަޝީދު އަދި ޒިފްލީނާ ހަސަން ބައިވެެރިވަޑައިގަތެވެ.
އެ މަޝްރޫއުގެ ދަށުން އިމާރާތުގެ ސަލާމަތީ ކަންކަން ހަރުދަނާ ކޮށް، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކޮށް، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުން ކުރާނެ ޖާގަ ތައްޔާރު ކުރި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.