ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޔާ ރެފިއުޖީ ކޭމްޕުގައި ހިނގައި ދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން، މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުލް މޮމެން އަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އެ މެސެޖުގައި މިނިސްޓަރު ޝާހިދު ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި އެ ހިތާމަވެރި ހާދިސާގެ ސަބަބުން ގެއްލުން ލިބުނު ރެފިއުޖީންނާއި ބަންގްލަދޭޝްގެ ސަރުކާރަށް ހަމްދަރުދީ އާއި ތައުޒިޔާ ފޮނުއްވާފައެވެ.

މީގެ އިތުރުން އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން ވީހާވެސް އަވަހަށް އަރައިގަތުމަށް މަސައްކަތް ކުރާ ފަރާތް ތަކުން އެކަންކަން ފުރިހަމައަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ގެއްލުން ލިބުން ފަރާތްތައް އެކަމުން ވީހާވެސް އަވަހަށް އަރައިގަނެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

ރެފިއުޖީންނާ ބެހޭ އދގެ އިދާރާއިން ބުނާ ގޮތުގައި، އެ ހާދިސާގެ ސަބަބުން 45،000 އެއްހާ މީހުންގެ ހިޔާވަހިކަން ގެއްލުނެވެ. މި ހާދިސާގައި 15 މީހުން މަރުވި އިރު، 400 އެއްހާ މީހުންނަށް ވީނުވީ އެއް އަދިވެސް ސާފެއް ނުވެއެވެ.