މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ގޮވާލާ ބިލު ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދުއެވެ. މިއަދު ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ޓްރާސްޕޯޓު އޮތޯރިޓީ އުވާލަން ހުށަހަޅާފައިވަނީ ކަނޑުދަތުރުފަތުރު ކުރުމާއި އެއްގަމު ދަތުރުފަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެ ބިލުގައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުން، އެ އޮތޯރިޓީގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މިމަހު އަށް ވަނަ ދުވަހުއެވެ.

އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާއެކު، މިނިސްޓްރީގެ ހިނގުން އަވަސް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. ހަމައެއާއެކު، ވެހިކަލް ރަޖިސްޓާ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް ކައުންސިލްތަކަށް ދޫކޮށްލައިފި ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި ސަރުކާރުން އެ ދިމާލަށް މަސައްކަތް ކުރާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.

އޭގެ އިތުރުން އެ އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.