ރ. އުނގޫފާރަށް އެއަތޮޅު މަޑުއްވަރީން ދަތުރުކުރި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ މަޑުއްވަރީ މޮނިޓަރިން ހާލަަތަށް ބަދަލު ކޮށްފިއެވެ.

މަޑުއްވަރީން ޕޮޒިޓިވެފައިވަނީ މިމަހު ދެވަނަ ދުވަހު އުނގޫފާރަށް ދަތުރުކުރި މީހެކެވެ. އެ ކޭސް އާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އުނގޫފާރު ކްލާސްޓާ އާ ގުޅިގެން ޅ. ނައިފަރާއި ދިއްފުށި ވެސް ވަނީ މޮނީޓަރިންއަށް ލާފައެވެ.

ރ. އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް އެޗްޕީއޭއިން ބުނެފައި ވަނީ، އުނގޫފާރުން ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވާތީ، މާޗް 2. 2021 ގެ ފަހުން އެރަށުގައި އުޅެފައި، އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއް ވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގުމަށެވެ.

މަޑުއްވަރީއެކު މިހާރު މޮނިޓަރިން ހާލަަތަށް ބަދަލުކޮށްފައި ހުރި ރަށްތަކުގެ އަދަދު މި ވަނީ 12 އަށް އަރާފައެވެ. އެއީ ނ. ޅޮހި، ރ. އުނގޫފާރު، ރ. މަޑުއްވަރީ، ޅ. ނައިފަރު، ކ. ހުރާ، ކ. ދިއްފުށި، އދ. ފެންފުށި، އއ. ތޮއްޑޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، ދ. މީދޫ އަދި ގއ. ވިލިނގިލިއެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.