މިމަހު 8 ވަނަ ދުވަހު ރ. އުނގޫފާރަށް ވަޑައިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ބައެއް މަޖިލީހުގެ މެމްބަރުން ކަރަންޓީނު ވާން ނާންގާ ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އުނގޫފާރުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވުމަށް އަންގަމުންދާ ކަމަށެވެ. ނަމަވެސް ހެލްތް މިނިސްޓާ އަހްމަދު ނަސީމާއި ބައެއް މަޖިލިސް މެމްބަރުން ވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު މި މަހުގެ 8 ވަނަ ދުވަހު އުނގޫފާރަށް ވަޑައިގެން ރައްޔިތުންނާ ވެސް ބައްދަލުކޮށް އެރަށުގައި ހަރަކާތްތެރި ވެފައިވާއިރު، އެފަރާތްތަކުން ކަރަންޓީނުވާން ނާންގާތީ ކަންބޮޑުވުން ފާޅުކުރާ ކަމަށް އެ ބަޔާނުގައި ބުނެއެވެ.

އުނގޫފާރުގައި ކޮވިޑް ފެތުރިގެން ދިއުމަކީ މުޅި އަތޮޅަށް ވެސް ބަލި ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަކަށްވެފާ އެހެން އަތޮޅުތަކުން ވެސް އުނގޫފާރަށް ދަތުރުކުރި މީހުން ކަރަންޓީނުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުންދާއިރު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު އުސޫލުތައް ތަންފީޒު ކުރުމަށް ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

އޭގެ އިތުރުން ހާއްސަ ހުއްދައިގެ ދަށުން ކުޅުދުށްފުށްޓަށް ދަތުރުކުރި މީހަކު ޕޮޒިޓިވް ވުމާއި، ހަމަ އެފަދަ ހުއްދައިގެ ދަށުން ދަތުރު ކުރި ފަރާތްތަކެއްގެ ފަރާތުން އައްޑޫ ސިޓީގައި މީގެކުރިން ކޮވިޑް ފެތުރި އެތައް ބަޔަކު ޕޮޒިޓިވްވެ އެސިޓީއަށް އަރާ ފޭބުން މަނާކުރިކަން އިދިކޮޅުން ފާހަގަކުރިއެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތައް ކުރިމަތިވެފައިވަނިކޮށް، ބޭރުގެ ދެގައުމަކަށް ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަރަންޓީނުވުމެއްނެތި އަނެއްކާ ވެސް ބޮޑު ވަފްދަކާއެކު އައްޑޫސިޓީއަށް ވަޑައިގަންނަވަން އުޅުއްވާތީ އެކަމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއް ކަމަށް ވެސް އިދިކޮޅުން އެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައިވެއެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ އުނގޫފާރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާކޮށް ސިއްހީ ފަރުވާ ދިނުމުގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ.