މި ކައުނުގައި ދުނިޔެ ހިމެނޭ މަޑިކިލަނބު (މިލްކީވޭ)ގެ ޕެނަރޯމާ ފޮޓޯއެއް ނެގުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ބުނެއެވެ.

ފިންލަންޑަށް ނިސްބަތްވާ އެސްޓްރޯފޮޓޯގްރާފާ ޖޭޕީ މެޓްސަވައިނިއޯ ވަނީ މިލްކީވޭގެ ޕެނަރޯމާ ފޮޓޯއެއް ފުރިހަމަ ކުރުމަށް، ގާތްގަނޑަކަށް 12 ވަރަކަށް އަހަރު ދުވަސް ހޭދަ ކޮށްފައެވެ. އޭނާގެ ޕެނަރޯމާ މޮޒެއިކް ފޮޓޯގައި، އުޑުގެ 125 ޑިގްރީ ދައްކުވާދިނުމަށް 234 ފްރޭމް ބޭނުންކޮށްފައިވެއެވެ.

ޓޯރަސް (އިސަބަ) އާއި ސިގްނަސް އާ ދެމެދުގައިވާ ސަރަހައްދު ފެންނަ މި ފޮޓޯގެ މަސައްކަތް މުޅިން ނިންމާލީ މާޗް 16 ވަނަ ދުވަހުއެވެ. މި ފޮޓޯއިން 20 މިލިއަން ތަރި ފެންނަ ކަމަށްވެއެވެ.

މި ފޮޓޯގައި ހިމެނޭ ވަކި، ކުދި ފޮޓޯތަކަކީވެސް ވަކިވަކިން ބަލާލެވޭ ގޮތަށް އޭނާގެ ބްލޮގްގައި، ޖޭޕީ މެޓްސަވައިނިއޯ ޝާއިއު ކޮށްފައިވާ ފޮޓޯތަކެކެވެ.

މިފަދަ ފޮޓޯއެއް ނެގުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް ނޫނެވެ. ދުނިޔޭގެ މަސްނޫއީ އަލިތަކުން ތަޣައްޔަރުވެފައިވާ މާހައުލުން ދުރުގައި މި ފޮޓޯ ނަގަން ޖެހޭއިރު، ކެތްތެރިކަމަކީ އަސާސެވެ. އެންމެ ފޮޓޯއެއް ނެގުމަށް އެތައް ގަޑިއިރެއް ނުވަތަ އެތައް ދުވަހެއްވެސް ހޭދަ ކުރަން ޖެހިދާނެއެވެ.

ޖޭޕީ މެޓްސަވައިނިއޯ މި ފޮޓޯ ފުރިހަމަ ކުރުމަށް މަންޒަރުތައް ނެގީ، ފިންލަންޑްގެ އުތުރު ސަރަހައްދުގައި ހުންނަ އޭނާގެ އޮބްޒަވޭޓަރީގައެވެ.