އަވަށްޓެރި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހި ރައްޔިތުންނާ އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ބޮޑުވަޒީރަށް، اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުން އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަފައި ވެއެވެ.

މީގެ އިތުރުން، މުޅި ދުނިޔަށް ކުރިމަތިވެފައިވާ ކޮވިޑް-19 ޕެންޑަމިކް އިން އަރައިގަތުމަށް އަމާޒުހިފައިގެން ކުރަމުންގެންދާ މަސައްކަތުގައި ޕާކިސްތާނު ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

އިމްރާން ކޮވިޑަށް ޕޮޒިޓިވްވެވަޑައިގެންނެވި ކަން، ސިއްހީ ކަންކަމުގައި ބޮޑުވަޒީރަށް ލަފާ އަރުވާ ހާއްސަ އެހީތެރިޔާ، ފައިސަލް ސުލްތޯން އިއުލާން ކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ. އިމްރާން ވަނީ ކޮވިޑް-19 އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖައްސަވާފައެވެ.

ހުކުރު ދުވަހު އިމްރާން ވެކްސިން ޖައްސަވާފައި ވާއިރު، ބޭނުން ކުރެއްވީ ޗައިނާގެ ސީނޯފާމް ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ. ވެކްސިން ޖެއްސެވި ދުވަހުވެސް ކޮވިޑް-19ގެ އަލާމާތްތައް އިމްރާންގެ ހަށިކޮޅުން ފެނުނު ކަމަށް ހަބަރު ލިބެއެވެ.

ޕާކިސްތާނުގައި މިވަގުތު ވެކްސިން ދެމުން ދަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި، ފްރަންޓަލައިންގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންނަށެވެ.

ކޮވިޑް-19ގެ އާލާސްކަންފުޅާ އުޅުއްވާ ޕާކިސްތާނުގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ފޮނުއްވި މެސެޖުގައި، ޕާކިސްތާނާއި ރާއްޖޭގެ ރަހުމަތްތެރި ގުޅުން އެގޮތުގައި ދެމި އޮންނާނެކަމަށާއި އަދި ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން އެއް އަމާޒަކަށް މަސައްކަތްކުރައްވަމުން ގެންދަވާނެކަމުގައި ވެސް ވިދާޅުވެފައި ވާ ކަމަށް ރައީސް އޮފީހުން ހަބަރު ދެއެވެ.