ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ޖައްސަވައިފިއެވެ.

ދުނިޔޭގެ އެހެން ލީޑަރުންގެ އަގުލަބިއްޔަތާ ހިލާފަށް، އިމްރާން ޖެއްސީ، ޗައިނާގެ ސީނޯފާމް ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ.

އިމްރާން ކޮވިޑް ވެކްސިން ޖައްސަވާފައި މިވަނީ، ޗައިނާއިން ހަދިޔާ ކުރި ބައި މިލިއަން ޑޯޒްގެ ވެކްސިން ޝިޕްމަންޓެއް ޕާކިސްތާނަށް ގެންދިޔަތާ އެއް ދުވަސްފަހުންނެވެ. މިއީ ޕާކިސްތާނަށް ގެންދިޔަ ސީނޯފާމްގެ ދެވަނަ ޝިޕްމަންޓެވެ.

ސިއްހީ ކަންކަމުގައި އިމްރާންއަށް ލަފާ އަރުވާ އޮފިޝަލު، ޑރ ފައިސަލް ސުލްތޯން ވިދާޅުވީ، ޗައިނާއަކީ ޕާކިސްތާނަށް ކުރިމަތިވާ ދަތި އުނދަގޫ ވަގުތުތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.

ޗައިނާގެ ސީނޯފާމް ވެކްސިން / ފޮޓޯ: މިޑްލްއީސްޓްއޮންލައިން

ޕާކިސްތާނުގައި ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ދިނުމުގެ ކެމްޕޭން، ފެބުރުއަރީ ފުރަތަމަ ހަފުތާ ތެރޭގައި ފަށާފައި ވަނީވެސް ޗައިނާގެ އެހީތެރިކަމާ އެކުގައެވެ.

މި ދަނޑިވަޅަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ޕާކިސްތާނުން ތަކުލީފުތަކެއް އުފުލަމުން ދާ ދަނޑިވަޅެކެވެ. އެ ގައުމުން މިހާތަނަށް 6 ލައްކައަށް ވުރެ ގިނަ ކޭސް ފެނިފައި ވާއިރު، 13 ހާހަށްވުރެ ގިނަ މަރުގެ ރިޕޯޓް ރެކޯޑް ކޮށްފައި ވެއެވެ.