ދުނިޔޭގައި މިހާތަނަށް އުފެއްދި އެންމެ ބާރުގަދަ ރޮކެޓް، ސްޕޭސް ލޯންޗް ސިސްޓަމް (އެސްއެލްއެސް)ގެ ބައެއް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ)އިން ކާމިޔާބު ކަމާއެކު ޓެސްޓު ކޮށްފިއެވެ.

ދުނިޔޭގެ ބިމުގެ ސަތަހައިން ފެށިގެން ޖައްވަށް ދިއުމަށް ހޭދަވާ ވަގުތަށް ބަލައިގެން، ނާސާއިން ވަނީ އެސްއެލްއެސްގެ އިންޖީނު، 8 މިނެޓަށް ވުރެ ގިނަ އިރު ވަންދެން ހިންގާފައެވެ.

އިންޖީނު ހިންގާފައި ވަނީ 2.6 މިލިއަން ލީޓަރުގެ ހަކަތަ ބޭނުން ކޮށްގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިއީ އެސްއެލްއެސްގެ އެންމެ ވަރުގަދަ އެއް ބައިގެ ޓެސްޓު ކުރި ދެވަނަ ފަހަރެވެ. މިއަހަރުގެ ޖެނުއަރީ މަހުވެސް މި އިންޖީނު ޓެސްޓު ކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެފަހަރުގެ ޓެސްޓު، ވަރަށް އަވަހަށް ހުއްޓާލިއެވެ.

އެސްއެލްއެސްގެ އަމާޒަކީ، 1972 ވަނަ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް، ހަނދުގެ ސަތަހައަށް އިންސާނުން ފޮނުވުމެވެ. މިއީ އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕް، 2017 ވަނަ އަހަރު ފެއްޓެވި މަޝްރޫއެކެވެ.