ޕީޕީއެމްގެ ކެނޑިޑޭޓެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ބަލައި، ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި ވަނީ ޕީޕީއެމްގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ މުހައްމަދު އަހުމަދުގެ މައްޗަށެވެ.

އިދިކޮޅުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލައެއް އެ ކޯލިޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލައިގެ ހަގީގަތް ހޯދާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަން ޖެހޭ އެންމެހާ ބެލުންތައް ޕާޓީގެ ގާނޫނީ ޓީމުން ބަލަމުން ގެންދާ ކަމަށް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރުމަކީ އެ މީހަކަށް އިންތިހާބެއްގައި ވާދަ ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ޖިންސީ ގޯނާގެ މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި ބެލި، ގޮތެއް ނިމެންޖެހޭ މައްސަލަތަކެއް ކަމަށް އެކޯލިޝަންގެ ފަރާތުން އަބަދު ވެސް ގެންދަނީ ވަކާލާތު ކުރަމުން ކަމަށް އެބަޔާނުގައި ބުނެއެވެ.

އެއްވެސް ފަރާތަކަށް ކުރާ ޖިންސީ ގޯނާއާއި ފުރައްސާރަ ތަކަކީ، އެއްވެސް އިރެއްގައި އެ ޕާޓީއިން ތަރުހީބު ދީ ބަލައިގަންނާނޭ ކަމެއް ނޫން ކަމަށާއި އެފަދަ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ޕީޕީއެމުން އަބަދު ވެސް ކުށްވެރިކުރާ ކަމަށް ބަޔާނުގައި ބުނެއެވެ.

އެބަޔާނުގައި އިތުރަށް ބުނީ "މިއީ މަގޭ ރާއްޖެ" ތަސައްވުރުގެ އެންމެ މުހިންމު އެއް އަސާސަކީ އަމާން ދިރިއުޅުމެއް ގާއިމްކޮށްދިނުން ކަމަށެވެ. ހާއްސަގޮތެއްގައި ކުޑަކުދިންނަށް ރައްކާތެރި، އަންހެނުންނަށް އޯގާތެރި، އިސްރަށްވެހިންނަށް ކުލުނުވެރި މުޖުތަމައެއް ބިނާކުރުން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެމައްސަލައިގައި ތުހުމަތު ކުރެވިފައިވާ ފަރާތުގެ މައްސަލަ ބަލާ ޕާޓީގެ ފަރާތުން އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެބަޔާނުގައި ބުނެއެވެ. އަދި މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލާ ވީ އެންމެ އަވަހަކަށް ފައިސިލާ ކުރަނިވި ނިންމުމެއް ނިންމާ ދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފައެވެ.