ޓެލެކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިންގިލާބީ ހިދުމަތްތައް މެދު ކެނޑުމެއްނެތި ރާއްޖެއަށް ތައާރަފު ކުރަމުން ދާ އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެންމެ ފުރަތަމަ ޑޭޓާ ސެންޓަރު މިއަދު ތައާރަފު ކޮށްފިއެވެ.

އުރީދޫ ޑޭޓާ ސެންޓަރު (އޯއެމްޑީސީ) އަކީ ކުންފުނިތަކުގެ ޑިޖިޓަލް ހިދުމަތް ދިނުމުގައި ހިދުމަތްތަކުގެ އޮޕަރޭޝަން މެދުކެނޑުމެ އްނެތި ކުރިއަށް ގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަން، ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާއެކު ރައްކާތެރިކަން ފޯރުކޮށް ދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ މި ޑޭޓާ ސެންޓަރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި، ސަރުކާރު އިދާރާތަކަށް އަދި ޓުއަރިޒަމް ދާއިރާގެ ހިދުމަތްތައް ފުޅާކޮށް އާ އިޖާދީ ޑިޖިޓަލް ހިދުމަތްތައް ތައާރަފުކޮށް ދާއިރާތައް ކުރިއެރުވުމުގައި އެތައް ގުނައަކުން ފަސޭހަ ވެގެންދާނެ ކަމަށެވެ.

އުރީދޫން ބުނީ ބާރު ސްޕީޑުގައި މުޅި ދުނިޔެ ދެކެމުންދާ ޑިޖިޓަލް ކުރިއެރުންތަކާއެކު، ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ކުދި ބޮޑު ހުރިހާ ވިޔަފާރިތަކެއްގެ ހިދުމަތްތައް ވެސް ޑިޖިޓަލް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން ވިޔަފާރިތައް ފުޅާވަމުންދާ ވަރަކަށް އިންޓަނެޓަށް ބަރޯސާވާވަރު އިތުރުވެ، އައިޓީ އިންފްރާ ސްޓަރަކްޗާ އަދި ޑޭޓާ ސެކިއުރިޓީ ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށް އުރޫދޫން ބުނެއެވެ. ނަމަވެސް ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ބޮޑެތި ކުންފުނިތަކުގެ އޮޕަރޭޝަންއަށް ބޭނުންވާ އެފަދަ ޑޭޓާ ސެންޓަރެއް އަމިއްލައަށް ގާއިމްކޮށް ބެލެހެއްޓުމަކީ ބޮޑެތި ހަރަދުތަކެއް ހިނގާނެ ކަމެއް ކަމަށް އުރީދޫން ވަނީ ބުނެފައެވެ. އެހެންކަމުން ދުނިޔޭގެ ޑޭޓާ ސެންޓަރުތައް ވިޔަފާރިތަކުގެ ޑޭޓާ ސާވާތައް ރައްކާތެރިކަމާއި އިތުބާރާއެކު ހޮސްޓުކުރުމުގައި މުހިންމު ދައުރެއް އަދާ އުކުރަމުންދާ ކަމަށް އުރީދޫން ބުނެއެވެ.

މިއަދު ދިވެހިރާއްޖޭގައި މުޅިން އަލަށް މި ގާއިމްކުރެވުނު ޑޭޓޭ ސެންޓަރާ ގުޅިގެން މިއީ އުރީދޫ މޯލްޑިވްސްގެ ތާރީޙުގައި ފަވާލެވޭ ކުލަގަދަ ދުވަހެކެވެ. ދުނިޔެއަށް ހުޅުވާލެވޭ މިފަދަ ޑޭޓާ ސެންޓަރުތަކުގެ ހިދުމަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެ، ބޭނުންކުރާ އަދަދުވެސް އިތުރުވެގެންދާނެ. ޑޭޓާ ސެންޓަރުތަކުން ދެވޭ ހިދުމަތްތަކަކީ ވިޔަފާރިތަކާއި ކުންފުނިތަކުގެ ކުރިއެރުމަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ހިދުމަތަކަށްވީއިރު، ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމްވުމާއެކު ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ސަރަހައްދީ ވިޔަފާރިތަކަށްވެސް، ވިޔަފާރިތަކުގެ ޑޭޓާ ރާއްޖޭގައި ހޮސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ

ޑޭޓާ ސެންޓަރު އިފްތިތާހު ކުރުމަށް ބެއްވި ރަސްމިއްޔާތުގައި އުރީދޫގެ އެމްޑީ އަދި ސީއީއޯ ނަޖީބު ހާން / ފޮޓޯ: އުރީދޫ

މެދުކެނޑުމެއްނެތް އިންޓަނެޓްގެ ހިދުމަތާއިއެކު ރާއްޖެއިން ބޭރުގެ ސާވާތަކުގައި ހޮސްޓްކުރުމުން ދިމާވާ ދަތިތަކުން އަރައިގަނެވި އެތަކެއް ފުރުސަތުތަކެއް ވިޔަފާރިތަކަށް ހުޅުވިގެންދާނެ ކަމަށް އުރީދޫގެ އެމްޑީ އަދި ސީއީއޯ ވަނީ ވިދާޅުވެފައެވެ. އަދި ޓެކްނޮލޮޖީގެ ދާއިރާއިން މިއަދު އެ އެޅުނު މުހިންމު ބިންގަލާއެކު، އަމާޒަކީ ދިވެހިރާއްޖެއަކީ މި ސަރަހައްދުގެ ޓެކްނޮލޮޖީގެ ވަރުގަދަ ހަބަކަށް ވެގެންދިއުން ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

އުރީދޫން ބުނީ އޯއެމްޑީސީ އަކީ ޓިއާ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ ސެންޓަރެއް ކަމަށެވެ. އެ ސެންޓަރު ގާއިމް ކުރެވިފައިވަނީ ތަނަވަސް ސްޓޯރޭޖް ކެޕޭސިޓީއަކާއިއެކު 24/7 މަސައްކަތް ކުރާ ހައި ސެކިއުރިޓީ ސިސްޓަމް، ފިނި ހޫނުމިން ބެލެހެއްޓޭ ސިސްޓަމްތަކާއި، ވަރުގަދަ ޕަވާ ބެކަޕަކާއެކު ގާއިމް ކުރެވިފައިވާ ސެންޓަރެއްގައި ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އެ އިމާރާތް ބިނާކޮށްފައިވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާ ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކު ކަމަށެވެ. މީޑިއަމް އެންޑް ހައި ޑެންސިޓީ ރެކްސްޕޭސް އާއި އެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޭޓާ ހޮސްޓު ކުރެވޭނެ ކަމުގައި ވެސް އުރީދޫން ބުނެއެވެ.

އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގެ ހިދުމަތްތައް:

  • ޑޭޓާ ކޯލޮކޭޝަން

- ފުލް ރެކް ނުވަތަ ޝެއާޑް ރެކް ސްޕޭސް

- ރޭޓަޑް ޕަވާ އެންޑް ކޫލިންގް

- ރިމޯޓް ހޭންޑްސް ސަޕޯޓް

  • ޑޭޓާ ސެންޓާ މެނޭޖްޑް ހޮސްޓިންގް
  • ޑެޑިކޭޓަޑް ޔުޓިލިޓީ ހޮސްޓިންގް
  • ޑިޒާސްޓާ ރިކަވަރީ އެންޑް ބެކަޕް
  • މެނޭޖްޑް އިންފްރާސްޓްރަކްޗާ މޮނިޓަރިންގް

އެ ޑޭޓާ ސެންޓަރު ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް އެންމެ ރައްކާތެރިކަމާއިއެކު ޑޭޓާ ސްޓޯ ކުރުމާއި ލިބިގަތުމުގެ ފަސޭހަ މާހައުލަކާއި އެކު ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުންފަދަ ކާރިސާތަކުން ގެއްލުންތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކާއެކު ޑީސްލް ޕަވާ ޖެނެރޭޓަރުތައް ވެސް އެ ސެންޓަރުގައި ގާއިމްކޮށްފައިވާ ކަމަށެވެ. އަދި ކަރަންޓްގެ ކުއްލި ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސެންޓަރުގެ ޕަވާ ބެކަޕް މެދުވެރިކޮށް 14 ދުވަހު ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

އުރީދޫން ބުނީ އެ ސެންޓަރުގައި ކުންފުނިތަކަށް ހާއްސަ އުރީދޫގެ ހިދުމަތްތައް ތަޖުރިބާކޮށް ބަލާލުމަށް ޑެމޯ ރޫމްއެއް ގާއިމް ކޮށްފައިވާ ކަމަށެވެ.

އުރީދޫއަކީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ހިދުމަތްތައް ދިވެހިރާއްޖެއަށް ތައާރަފްކޮށް އިޖާދީ އާ ކަންތައްތަކާއި އައު ފުރުސަތުތައް ދިވެހިންނާއި ގުޅުވާލަދިނުމުގައި އެންމެ ކުރީ ސަފުގައި ފާހަގަކުރެވޭ ކުންފުންޏެއް ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫން ބުނީ މިއަދު ދުނިޔޭގެ ފެންވަރުގައި އެ ހުޅުވުނު ޑޭޓާ ސެންޓަރާއިއެކު ދިވެހިރާއްޖޭގެ ޑިޖިޓަލް އީކޯސިސްޓަމް ވަރުގަދަވެ މި ސަރަހައްދުގެ ޑޭޓާ ރައްކާކުރެވޭ ވަރުގަދަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ހިމެނިގެންދާނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ޑިޖިޓަލް އިކޮނޮމީ ވެސް ކުރިއަރައިގެންދާނެ ކަމަށެވެ.