ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން ހިންގާ "ރަށު ފެރީ" ގެ މަޝްރޫއުގެ ދަށުން 2023 ވަނަ އަހަރު ނިމުމުގެ ކުރިން ފެރީ ނިޒާމް މުޅި ރާއްޖޭގައި ގާއިމް ކުރެވޭނެ ކަމަށް ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވީ، 6 ޒޯނަކަށް ބަހާލައިގެން ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް މިހާރު ކުރާ ކަމަށާއި މި އަހަރު އުތުރުގެ ތިން އަތޮޅެއްގައި ފެރީގެ ހިދުމަތް ފަށާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޒޯންގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަދި ށ. އަތޮޅެވެ. މީގެ އިތުރުން އަންނަ އަހަރު އިތުރު ދެ ޒޯންގައި މަސައްކަތް ފަށާނެ ކަމަށެވެ. އެއާއެކު 2023 ވަނަ އަހަރުގެ ކުރިން ފެރީ ނިޒާމް މުޅި ރާއްޖޭގައި ގާއިމް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

6 ޒޯނަކަށް ބަހައިލައިގެން މި މަޝްރޫއު ކުރިޔަށް ގެންދާއިރު ފުރަތަމަ ޒޯނުގައި ހިމެނޭ ތިން އަތޮޅުގައި މި މަސައްކަތް ކުރުމަށް 157 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ފެރީގެ ހިދުމަތުގެ އަގާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވީ، އެކަމުގެ މަޝްވަރާތައް ކުރިޔަށް ދާތީ އެ މައުލޫމާތު ފަހުން ހާމަ ކުރައްވާނެ ކަމަށެވެ. މިހާރު ދުއްވަމުން ދާ ސްޕީޑް ފެރީތަކުގެ އަގަށް ވުރެ ބޮޑުތަކުން އަގުހެޔޮވާނެ ކަމަށާއި އެހެންނަމަވެސް ސްޕީޑް ދަށް، ލަސް ފެރީތަކުގެ އަގަށް ވުރެ ބޮޑުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިފެރީތަކަކީ ލަސް ފެރީ ތަކަށް ވުރެ ރަގަޅު ފެންވަރުގައި ބަންނަ ފެރީތަކެއް ކަމުގައިވެސް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.