ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިން ބޭނުން ކުރުމަށް އެދޭ ކަމަށް ވިދާޅުވެ، އޭނާގެ ރިޕަބްލިކަން ސަޕޯޓަރުން ވެކްސިން ޖެހުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގޮވާލައްވައިފިއެވެ.

ޓީވީ އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ވެކްސިނަކީ ރައްކާތެރި، އަދި ބައްޔާ ދެކޮޅަށް މަސައްކަތް ކުރާ އެއްޗެއް ކަމަށެވެ.

ކޮވިޑް-19 ގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ އެމެރިކާގައި ހަލުވި ދުވެލީގައި ވެކްސިން ކެމްޕޭން ކުރިއަށް ގެންދާއިރު، ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރޭގައި، ވެކްސިން ޖެހުމާ ދެކޮޅު މީހުން އުޅެއެވެ. ހުދު ޓްރަމްޕަކީވެސް އޭނާގެ ވެރިކަމުގައި ކޮވިޑް-19އަށް މާ ބޮޑު ސަމާލުކަމެއް ނުދިން ލީޑަރެއްގެ ގޮތުގައި ގިނަ ބަޔަކު ލޭބަލް ކުރާ ލީޑަރެކެވެ.

ޓްރަމްޕްއާ އަނބިކަނބަލުން މްލޭނިއާ ޓްރަމްޕް ކޮވިޑް-19 ވެކްސިން ޖެއްސެވީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި، ވައިޓްހައުސްގައި، ސިއްރިއްޔާތުގައެވެ. ކޮވިޑް-19 ވެކްސިން ޕްރޮމޯޓް ކުރައްވާ، އެހެން ލީޑަރުން ވާހަކަދައްކަވާ އުސޫލުން ޓްރަމްޕް ވާހަކަފުޅު ދައްކަވާފައެއްވެސް ނުވެއެވެ.