ތަކުރާރުކޮށް ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ ދިވެހި ފިރިހެނަކު 14 އަހަރަށް ޖަލަށް ލާން ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

ހައިކޯޓުން ބުނީ 14 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ އދ. ދިގުރަށު ކަނީރުވިލާ ހުސައިން ޔަހްޔާ އަށް ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެއްކާއި ގަރީނާތަކުން އެނާގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށާއި އެހެންކަމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ އޭނާއަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް ކަމަށް ހައުކޯޓުން މައުލޫމާތު ދެއެވެ.

އެކި ދުވަސް މަތިން ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ފެންމަތިވެފައި ވަނީ އޭރު އުމުރުން ނުވަ އަހަރުގެ ކުޑަ ފިރިހެން ކުއްޖާކާ ބެހިގެންނެވެ. ޔަހްޔާ ޖިންސީ ގޯނާ ކޮށްފައިވާ އެ މައްސަލަ އަކީ 2014 އާއި 2015 އާ ދެމެދު ހިނގާފައިވާ ކަމެކެވެ.

އެ މައްސަލައިގައި 2017 ވަނަ އަހަރު ދިގުރަށު ކޯޓުން ނިންމާފައި ވަނީ ޔަހުޔާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. ނަމަވެސް ދައުލަތުން ވަނީ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ހައިކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު އަލީ ސަމީރު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.