ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބޭ ފަދަ ކަމެއް ހިނގާއިރު ރައްޔިތުންގެ މަޖިލިސް ކޮބައިތޯ އައްސަވައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ޑރ. ވަހީދު މިހެން ވިދާޅުވީ، އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ވީ އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުންތަކަކާ ގުޅިގެންނެވެ. ޑރ. ވަހީދު ވިދާޅުވީ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބޭ އެއްބަސްވުމެއް ހެދުމުގެ އިހުތިޔާރު އެއްވެސް ސަރުކާރަކަށް ލިބިގެން ނުވާ ކަމަށެވެ.

ޑރ. ވަހީދުގެ އިތުރުން ވެސް އިދިކޮޅު ކޯލިޝަނަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވެސް ދަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ވިދާޅުވީ، ގާނޫނު އަސާސީގެ 251 ވަނަ މާއްދާގައި ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުން ފާސްވެގެން މެނުވީ ރާއްޖެއިން ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖޭގެ އެއްވެސް ސަރަހަދެއްގެ އެއްވެސް ބައެއް ނުދެވޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފު ކޮންމެ އެއްބަސްވުމެއް ވަނީ ބާތީލް އެއްބަސްވުމަކަށް ކަމަށާއި ދިވެހިންގެ މިނިވަންކަން ހިމާޔަތް ކުރާނީ ދިވެހިން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވަނީ، ސަރުކާރުން ވާހަކަ އިތުރު ނުކޮށް ރައްޔިތުންނަށް އެ އެއްބަސްވުމުގެ އަސްލު ހިއްސާ ކުރުމަށް ގޮވާލައްވާފައެވެ. އިސްތިގްލާލަށް ބުރޫ އަރާނަމަ މިހާރުން މިހާރަށް އެއްބަސްވުން އުވާލަން ގޮވާލައްވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމާ ގުޅިގެން އިދިކޮޅަށް ނިސްބަތްވާ ލީޑަރުން ކަންބޮޑުވުން ފާޅު ކުރަމުން ގެންދަވާއިރު، ޑިފެންސް މިނިސްޓްރީން ވަނީ އުތުރުތިލަފަޅު ތަރައްގީ ކުރުމަށް ދިވެހިރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ކޮޕީއެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިއުންތަކަކީ ދޮގު ލިޔެކިޔުމެއް ކަމަށް ބުނެފައެވެ. ހަމައެއާއެކު، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ ދައުރުވަމުންދާ ޑްރާފްޓް ލިޔެކިޔުން ލީކް ކޮށްލާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އެ ޑްރާފްޓް އެއްބަސްވުމުގައި ވާގޮތުން އިންޑިއާ ސިފައިން އުތުރު ތިލަފަޅުގައި ހަތިޔާރާއެކު ހަރަކާތްތެރިވާނެއެވެ. އަދި ދިވެހިރާއްޖެއާއި އިންޑިޔާ ގުޅިގެން އެކީގައި ހާސިލުކުރަން ޖެހޭ، ކަނޑުގެ ސަލާމަތާ ގުޅުންހުރި އަމާޒުތައް ހާސިލުކުރުމަށާއި ކަނޑުތަކުގެ ސާވެލަންސް މަސައްކަތްކުރުމަށް އެތަނުގައި ހުންނަ މުވާސަލާތީ ވަސީލަތްތައް އިންޑިޔާގެ އަސްކަރިއްޔާއަށް ބޭނުންކުރެވޭނެ ކަމަށްވެސް އެ އެއްބަސްވުމުގައި ވެއެވެ. އެ އެއްބަސްވުމުގައި ވާގޮތުން އެ އެއްބަސްވުން ވެފައިވަނީ 30 އަހަރުގެ މުއްދަތަށެވެ. އަދި ދެފަރާތުން އެއްބަސްވާނަމަ އިތުރު 30 އަހަރަށް އެއްބަސްވުން ދިގުދަންމާ ލެވޭނެ ކަމަށްވެސް އޭގައި ވެއެވެ.

އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ތިބޭނެ ކަމަށް އެ އެއްބަސްވުމުގައި ވާއިރު، އުތުރު ތިލަފަޅުގައި އިންޑިއާއިން ތަރައްގީކޮށްދޭ ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ލީކްވެގެން އުޅޭ އެއްބަސްވުމުގެ ކޮޕީއާ ގުޅިގެން އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ވީ އެއްބަސްވުމުގެ ކޮޕީއެއް މަޖިލީހުގެ 241 ކޮމިޓީއަށް ލިބޭނެ ގޮތް ހަދައި ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެން ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.