ބަންގްލަދޭޝްގެ މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން "ކޮންސެޓް ފޯ ބަންގްލަދޭޝް" ގެ ނަމުގައި ހާއްސަ ޝޯއެއް، މިއަހަރުގެ ފަހުކޮޅު ކުރިއަށް ގެންދާނެ ކަމަށް އިންޑިއާގެ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

"ކޮންސެޓް ފޯ ބަންގްލަދޭޝް"ގެ ނަމުގައި އެންމެ ފުރަތަމަ ޝޯއެއް ބޭއްވީ 1971 ވަނަ އަހަރުއެވެ. އެމެރިކާގެ ނިއުޔޯކްގެ މެޑިސަން ސްކޮއާ ގާޑަން ސަރަހައްދުގައި މި ކޮންސެޓް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރި ވީ ޖޯޖް ހެރިސަންއާއި ރަވީ ޝަންކަރެވެ.

އެ ޝޯއަކީ، ބަންގްލަދޭޝް މިނިވަން ކުރި ހަނގުރާމައަށް ބައިނަލްއަގުވާމީ މުޖުތަމައު ހޭލުންތެރި ކުރުވާ، އީސްޓް ޕާކިސްތާން ސަރަހައްދުގައި އޮތް ރެފިއުޖީ މައްސަލަވެސް ބައިނަލްއަގުވާމީ ސަމާލު ކަމަށް ގެނައުމަށް ކުރިއަށް ގެންދިޔަ ޝޯއެކެވެ.

"ކޮންސެޓް ފޯ ބަންގްލަދޭޝް"ގެ ނަމުގައި ޝޯ އިންތިޒާމް ކުރި ޖޯޖް ހެރިސަން (ވ) އަދި ރަވީ ޝަންކަރު / ފޮޓޯ: ރެޑިޓް

މި ފަހަރުގެ ޝޯ ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާނީ، ދާނީ ހެރިސަންއާއި އަނުޝްކާ ޝަންކަރެވެ. މިއީ ޖޯޖް ހެރިސަންއާއި ރަވީ ޝަންކަރުގެ ދަރިންނެވެ. ރަވީ ޝަންކަރަކީ އިންޑިއާގެ ސަގާފީ މިއުޒިކް، ހުޅަނގަށް ތައާރަފު ކޮށްދިން މޭސްތިރި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ޖޯޖް ހެރިސަންއަކީ، މަޝްހޫރު މިއުޒިކް ބޭންޑް، "ދަ ބީޓްލްސް"ގެ ލީޑް ގިޓަރިސްޓްއެވެ.

"ކޮންސެޓް ފޯ ބަންގްލަދޭޝް"ގެ މިފަހަރުގެ ޝޯއާ ބެހޭ އިތުރު ތަފްސީލުތައް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، މިމަހުގެ 26-27 އަށް ބަންގްލަދޭޝްއަށް ކުރައްވާ ދަތުރުފުޅާއެކު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

1971 ވަނަ އަހަރު ކުރިއަށް ގެންދިޔަ "ކޮންސެޓް ފޯ ބަންގްލަދޭޝް" ޝޯއިން، 12 މިލިއަން ޑޮލަރު ޖަމާވި ކަމަށް މައުލޫމާތު ލިބެއެވެ. އެ ފަހަރުގެ އިވެންޓްގައި 40000 އެއްހާ މީހުން ބައިވެރިވިއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން