ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 10،000 އަށް އަރާފައި ވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުގައެވެ. އެގޮތުން، ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން ކިޔަވާ ދަރިވަރުންގެ އަދަދު 10،000 އަށް އަރާ، އެ ލަނޑުދަނޑި ހާސިލުވީ މިދިޔަ ހަފްތާ ތެރޭގައި ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއަކީ ދަރިވަރުންނަށް ތައުލީމު ހާސިލު ކޮށްދިނުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ކުރިއަށް ދެތިން އަހަރު ތެރޭގައި ރާއްޖޭގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް މީގެ ކުރިން ވިދާޅުވެފައި ވާ ގޮތުގައި ތަރައްގީގެ ފަލްސަފާއަކީ ގައުމު ކުރި އަރުވައި ތަރައްގީ ކުރުމަށްޓަކައި، ތަރައްގީގެ ވިސްނުން ހުރި ޒުވާން ތައުލީމީ ޖީލެއް ބިނާ ކުރުމެވެ. އަދި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ސްކީމާއި، މަތީ ތައުލީމަށް ހުޅުވައިލި ލޯނުގެ ފުރުސަތުތަކަކީ، މިފަދަ ޒުވާން ޖީލެއް އުފެއްދުމަށްޓަކައި، ކުރެވޭ ވަރަށް އަގުހުރި އިންވެސްޓެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އެ ސަބަބަށްޓަކައި ކޮވިޑުގެ ސަބަބުން އިގްތިސާދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތު ވެސް، މަތީ ތައުލީމުގެ ސްކޮލާޝިޕްތަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާ ނުލައި ކުރިއަށް ގެންގޮސްފައި ވެއެވެ.