100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ ސުޕާނެޓް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދޫއަށް މިއަދު ތައާރަފު ކޮށްފިއެވެ.

އުރީދޫން ބުނީ ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕާނެޓްގެ ހިދުމަތް މާއުނގޫދޫއިން ބަލައިގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ.

ޑިިޖިޓަލް ހިދުމަތްތަކާއިއެކު މުޖުތަމައުތައް ކުރިއެރުވުމަށް އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން. އެހެންކަމުން ރާއްޖޭގެ އިތުރު ރަށަކަށް ފެންވަރު ރަނގަޅު އިންޓަނެޓް އަނެއްކާވެސް ފޯރުކޮށްދެވުމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވިޔަފާރިތައް އަދި އާންމު ދިރިއުޅުމަށް މުހިންމު އެތައް ހިދުމަތްތަކެއް ވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލު ކުރަމުންދާއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ މުހިންމުކަން ވެސް ދަނީ އިތުރުވަމުން.
އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު

ސުޕާނެޓްގެ ހިދުމަތާއިއެކު މާއުނގޫދޫގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި ލުއި ފަސޭހަކަން ލިބިގެންދާނެ ކަމަށް ނިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި މި ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ނިޔާޒު ވަނީ އަރުވާފައެވެ.

އުރީދޫން ބުނީ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައި ކަމަށެވެ.

މި ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 68 ޕަސަންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

މިގޮތުން މާއުނގޫދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕާނެޓް ފައިބާ ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

މި ހިދުމަތް ހޯދުމަށް ނުވަތަ ސުޕާނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، ވެބްސައިޓަށް އަށް ވަނުމަށް އުރީދޫން ވަނީ އެދިފައެވެ.