މާލެއިން ލިބިފައިވާ ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތި ދޫކުރާ މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައިސް އެހެން ވިދާޅުވެފައިވަނީ އެމްޑީޕީން ކުރިއަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިންގައި ރޭ މާލޭގެ ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިިދާޅުވީ މާލޭ ސަރަހައްދުގައި 10،000 ހައުސިން ޔުނިޓް އެޅުމަށް ވައުދުވެފައިވާނެ ކަމަށާއި، އޭގެތެރެއިން 5000 ޔުނިޓް މިއަހަރު ތެރޭ އަޅަން މި ފަށަނީ ކަމަށެވެ.

ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ތެރެއިން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށް ގޯތިދޫކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ރައިސް ނުދެއްވައެވެ. ރައީސް ވިދާޅުވީ މި އަހަރުގެ މެދު ތެރޭގައި މަޝްރޫއުގެ ތަފްސީލް ހާމަކުރައްވާނެ ކަމަށެވެ.

ރައީސް ވަނީ މަސައްކަތް ކުރައްވާނީ އަދި އަމާޒަކީ މާލެ ސަރަހައްދުގައި މިދައުރު ނިމުމުގެ ކުރިން 15،000 ހައުސިން ޔުނިޓް އިމާރާތް ކޮށްދެއްވުން ކަމަށް ވިދާޅުވެފައެވެ.