މަރާލާފައިވާ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މަރުގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމުތަކާއެކު ބާއްވާ ބައްދަލުވުމުގައެވެ. ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނަށް އެނގިވަޑައިގެންފައި ވާ ގޮތުން ރިޟްވާންގެ މަރުގެ މައްސަލާގެ އަޕްޑޭޓްތައް މަރު ކޮމިޝަނުން އޭނާގެ އާއިލާއަށް އަރުވަމުން ދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ މައްސަލާގައި މިހާރު ކުރަމުންދާ މަސައްކަތަކީ ބޭރުގެ އެކްސްޕާޓަކާއެކީ ކުރެވޭ މަސައްތަކެއް ކަމަށެވެ. އަދި ބައެއް ތަކެތި ބޭރަށް ފިނުވައިގެން ތަހުލީލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަޅުގަނޑުމެން މަޑުކޮށްގެން މިތިބީ އެކްސްޕާޓުންގެ ލަފައާއެކު، މިއަހަރު ނިމުމުގެ ކުރިން ރިޟްވާންގެ މަރާ ގުޅޭ ފުރިހަމަ ރިޕޯޓެއް ގެނެސްދެއްވާނެ ކަމަށް
ރައީސް ސޯލިހް

މިއަހަރު ފެށުނު އިރު، ރިޟްވާންގެ މައްސަލައާ ހަވާލުވަމުން އެކްސްޕާޓް ޓީމުން އެދުނީ މައްސަލަ ނިމުމަކަށް ގެންނަން އެއް އަހަރުގެ މުއްދަތެއް ދިނުމަށް ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި މި އަހަރު ލިބުމުގެ ކުރިން ރިޟްވާންގެ މަރާ ގުޅޭ ފުރިހަމަ ރިޕޯޓެއް ލިބޭނެ ކަމަށް އެމަނިކުފާނު ވަނީ ލަފާ ކުރައްވާފައެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ރިޟްވާންގެ މަރުގެ މައްސަލައަކީ ބެލުމަކީ ބުރަ، އުދަނގޫ އަދި ދުވަސްތަކެއް ވެފައިވާ މަސައްކަތެއް ކަމަށެވެ.

ރިޟްވާންގެ މަރުގެ މައްސަލާގައި މިހާރު ކުރިއަށް ދަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ހުޅުމާލޭގައި ރިޟްވާން ދިރިއުޅެމުން ދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅީގެ ތަހުލީލުތައް ހެދުމެވެ. އެގޮތުން، އެ ވަޅި ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ. އަދި އެ ވަޅިއާ ބެހޭ ސާބިތު ހިފޭ މައުލޫމާތު ގެނެސްދިން މީހަކަށް 5 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައެވެ.