ޗައިނާގެ ކުންފުންޏަކުން އުފެއްދާފައިވާ ކޮވިޑް-19ގެ އިތުރު 100،000 ވެކްސިން ޑޯޒް ދޭނެ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަފީރު އެފަދައިން ވިދާޅުވެފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ބައްދަލު ކުރެއްވުމަށްފަހުއެވެ.

އެ ބައްދަލުވުމަށްފަހު މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ޗައިނާއިން ގެންނަން ހަމަޖެހިފައިވާ ކޮވިޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ވެކްސިން ރާއްޖެ ގެނެވޭނެ ވަކި ދުވަހެއް ވިދާޅެއް ނުވެއެވެ.

ޗައިނާއިން 100،000 ވެކްސިން ޑޯޒް ދޭނެ ކަމަށް ފުރަތަަމަ އިއުލާނުކުރީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހެވެ.

ޗައިނާއިން އިތުރު 100،000 ޑޯޒްގެ ވެކްސިން ދޭން ނިންމާފައިވާއިރު، މިދިޔަ މަހުގެ ފުރަތަމަ ދުވަހު ރާއްޖޭގައި ކޮވިޑް ވެކްސިން ޕްރަގްރާމް ފެށީ އިންޑިއާއިން ހަދިޔާކުރި 10،000 ވެކްސިން ޑޯޒްއާއެކުގައެވެ. އިއްޔެ ނިޔަލަށް 129،000 މީހުންނަށް ވަނީ ފުރަތަމަ ޑޯޒް ދީފައެވެ.

އިންޑިއާއިންވެސް ވަނީ އިތުރު 100،000 ވެކްސިން ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ.