ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ދޫކޮށްފައި ވާ ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމުގެ ގްރޭސް ޕީރިއަށް އިތުރު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ބީއެމްއެލް މެދުވެރިކޮށް ދޫކުރި ލޯނުތަކުގެ ގްރޭސް ޕީރިއަޑް އިތުރު ކުރުމަށް ބޭނުންވާ ވިޔަފާރިތަކަށް، އިތުރު 6 މަހުގެ މުއްދަތަކަށް ގްރޭސް ޕީރިއަޑް އިތުރު ކުރެވޭނެ ކަމަށެވެ.
ރިކަވަރީ ލޯނުތައް ދޫކޮށްފައި ވަނީ ވެސް 6 މަސް ދުވަހުގެ ގްރޭސް ޕީރިއެޑަކާ އެކުއެެވެ. އެހެންކަމުން އިތުރު 6 މަސް ދުވަހަށް ގްރޭސް ޕީރިއަޑް ދިގު ދަންމާލައިފި ނަމަ، ރިކަވަރި ލޯނުތަކަށް ޖުމްލަ އެއް އަހަރު ދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ.
މި ލޯނު ސްކީމަކީ ކޮވިޑް-19އާ ގުޅިގެން ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ފޯރުކޮށްދީ، މި ދަތި ދަނޑިވަޅުން އިގްތިސޯދު އަރައިގަތުމަށް އެހީތެރި ވުމުގެ ގޮތުން ފަށާފައި ވާ ސްކީމެކެވެ. އެހެން ކަމުން މި ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށް ދިނުމަކީ އެ މިނިސްޓްރީގެ މަގުސަދު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، މިހާތަނަށް ނަގާފައި ވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވެފައި ވާ ކުންފުނިތަކަށް ވެސް އިތުރު 6 މަސް ދުވަހަށް ގްރޭސްޕީރިއަޑް އިތުރު ކުރެވޭނެ ކަމަށެވެ. އަދި ގްރޭސް ޕީރިއަޑް އިތުރުން ކުރަން ހުށަހަޅާ ހުށަހެޅުންތައް ބަލައި ގަތުމުގައި ލޯނު އިވެކުއޭޓް ކުރުމުގައި އެ މިނިސްޓްރީންނާއި ބީއެމްއެލުން ގެންގުޅުނު މިންގަނޑުތަކަށް ބަލާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން ގްރޭސް ޕީރިއާށް އިތުރު ކުރުމަށް އެދޭ ފަރާތްތަކުން ގްރޭސް ޕީރިއަޑް ހަމަ ވުމުގެ 30 ދުވަސް ކުރިން ބީއެމްއެލަށް އީމެއިލް މެދުވެރިކޮށް އެންގުމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި ލޯނު ސްކީމުގެ ދަށުން ލިބޭ 6 މަހުގެ ގްރޭސް ޕީރިއަޑް ހަމަވެފައި ނުވަތަ 30 ދުވަސް ނުވަތަ އެއަށް ވުރެ ކުރު މުއްދަތަަށް ވެފައި ވާ ނަމަ އަންނަ އޭޕްރީލް މަހުގެ ކުރިން އަންގަން ވާނެ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.